13 Apr 2017, 08:47
ޑާކްރެއިން އެންޓަޓެއިންމަންޓުން މިމަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި، ހެއްވާ މަޖާ ލޯބީގެ ފިލްމު، "މީ ލޯތްބަކީ"ގެ ފުރަތަމަ ހަފްތާގެ ޝޯތަކަށް ތިންލައްކަ ރުފިޔާއަށްވުރެ ބޮޑު ފައިދާއެއް ލިބިޖެއެވެ.
ފިލްމު އޮލިމްޕަހުގައި އެޅުވުމާ ހަމައަށް ވެސް މީ ލޯތްބަކީގެ މާކެޓިން ޓީމުން އައީ ފިލްމުގެ ޕްރޮމޯޝަންތައް ވަރަށް ވަރުގަދައަށް ހިންގަމުންނެވެ. އެގޮތުން ފިލްމުގެ ބައެއް ލަވަތަކާއި ޓްރެއިލާވެސް ބެލުންތެރީންނަށް ދައްކާލިއެވެ.
"މީ ލޯތްބަކީ"ގެ ފުރަތަމަ ހަތް ޝޯ ވެސް ދައްކާފައި ވަނީ ހައުސްފުލް ޝޯތަކެއްގެ ގޮތުގައެވެ. ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް 150 ރުފިޔާއަށް ވިއްކާފައި ވާއިރު ބާކީ ޝޯތަކުގެ ޓިކެޓް ވިއްކަނީ 100 ރުފިޔާއަށެވެ. މި ރޭޓުން ބަލާއިރު އޮލިމްޕަހުގެ ސިނަމާގައި ހައުސްފުލް ހަތްޝޯއަށް ގާތްގަނޑަކަށް 3،26،000 ރުފިޔާ ޖެހޭނެއެވެ.
މީ ލޯތްބަކީގެ ޓީމުން ގަބޫލުކުރާ ގޮތުގައި، ރާއްޖޭން ސުވައިން ފްލޫގެ އަސަރު އަދިވެސް ފިލައިގެން ނުދާދީ، ސިނަމާއަށް ވަނުމަށް އަދިވެސް ގިނަބަޔަކު ޖެހިލުންވާ ދުވަސްވަރެއްގައި ވެސް މިފިލްމަށް މިހާބޮޑު ތަރުހީބެއް ލިބެމުން ދިއުމަކީ، ހީކުރި ވަރަށް ވުރެވެސް ބޮޑު ކާމިޔާބީއެކެވެ.

މީ ލޯތްބަކީ ފިލްގެ މަންޒަރެއް --
އަންނަ މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް މި ފިލްމު އޮލިމްޕަހުގެ ސިނަމާގައި ދެއްކުމަށް ހަމަޖެހިފައި ވާއިރު، މިހާރު ވިއްކަމުން ދަނީ ފުރަތަމަ ފަނަރަ ޝޯގެ ޓިކެޓްތަކެވެ.
އާއިޝަތު ފުވާދު އާއި އަހްމަދު ޝިފާޢު (ޗިއްޕެ) ގެ ސްކަރީން ޕްލޭއަކަށް ޗިއްޕެ ޑައިރެކްޓް ކޮށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ "މީ ލޯތްބަކީ" އަކީ ހެއްވާ މަޖާ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމު ޕްރޮމޯޓް ކުރީ ވެސް އެންމެން ހެއްވާލާނެ ކަމަށް ބުނަމުންނެވެ.
އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ބާރަށް ފިޔަ ޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެވެ. އެ ދެތަރިންނާ އެކު ބޮޑު ކާސްޓެއް " މީ ލޯތްބަކީ" އިން ފެނިގެން ދެއެވެ.
މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންނާ ތަޖުރިބާކާރު ތަރިންގެ ހުނަރު ފެނިގެންދާ އެ ފިލްމަކީ ރަހުމަތްތެރިންނާ އެކު ގޮސް ބަލާލަން ރަނގަޅު ފިލްމެއްކަމަށް، އެ ފިލްމު ބަލާފައިވާ ގިނަ ބަޔަކު ބުނެއެވެ.