އުރުދުންގެ ރަސްގެފާނުގެ ޢަބްދުﷲ ދެވަނައިގެ އަނބިކަނބަލުން އަދި އެޤައުމުގެ ރަނިކަމަނާ ރާނިޔާ ޢަބްދުﷲ ދިރިއުޅުއްވާ ގޮތްތަކަށާއި ތުރުކުރައްވާ ހެދުންކޮޅުތަކަށް މިފަހަކަށް އައިސް ވަނީ ބޮޑެތިބަދަލުތަކެއް އައިސްފައެވެ.
ލަންޑަންގައި ނުކުންނަ ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސްގައި ރާނިޔާއާ ބެހޭގޮތުން ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ރާނިޔާ ޢަބްދުﷲ އަށް ދާދިފަހުން ކުރިމަތިވެ ވަޑައިގެންނެވި ރައްޔިތުންގެ ފާޑުކިޔުންތަކާއި ރުޅިވެރިކަމާއި ފުރައްސާރަތަކަށްފަހު އޭނާގެ ލައިފް ސްޓައިލަށާއި ހެދުންކޮޅުތަކުގެ ވައްޓަފާޅިއާއި ޑިޒައިންތަށް މުޅިން ކަހަލަ ގޮތަކަށް ވަނީ ބަދަލުވެފައެވެ.

ކުރިޔާ ޚިލާފަށް ފާއިތުވެދިޔަ ހަތަރު ފަސްމަސް ތެރޭގައި ރާނިޔާ ފެންނަނީ ހުޅަނގުގެ ކުރުހެދުންތަކުގެ ބަދަލުގައި ޢަރަބި ސްޓައިލްގެ ދިގު އަދި ލަދުވެތި މުޙްތަރަމް ހެދުންކޮޅުތައް ތުރުކުރައްވާތަނެވެ. މިހެދުންތަކަކީ ކުރީގެ އަގުބޮޑު އަދި ގޮތްބޮޑު ހެދުން ތަކާއަޅާބަލާއިރު މާ ޚަރަދުކުޑަ އާދައިގެ ހެދުންކޮޅު ތަކެކެވެ.

ރާނިޔާގެ ހެދުންކޮޅުތަކަށް މިބަދަލުތައް އައިއިރު އޭނާ ރައްޔިތުންނާ މުޢާމަލާތް ކުރައްވާގޮތަށާއި ޒިޔާރަތްކުރައްވާ ތަންތަނަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިޔާ ޚިލާފަށް މިފަހަކަށް އައިސް ރާނިޔާ އާންމުންނާ ގިނަގިނައިން ބައްދަލުކުރައްވައި ވަގުތުތައް ހޭދަކުރެއްވާ މަންޒަރުތައް އުރުދުންގެ ޓީވީން ދައްކަމުން ގެންދެއެވެ. އަދި ކުރިން އޭނާ ގެންގުޅުއްވާ ޝާހީ ބޮޑާ ގޮތައް ދޫކުރައްވައި އެންމެ އާދައިގެ މީހުންނާ މަގުމަތިން ބައްދަލުކުރައްވައި ސަލާމް ކުރައްވާތަނާއި ވާހަކަ ދައްކަވާތަނާއި އާދައިގެ ދިރިއުޅުމަށް ލޯބިކުރައްވާ މަންޒަރު އުރުދުންގެ ޓީވީ ތަކުން ދައްކަމުން ގެންދާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އަދި ކުރިޔާ ޚިލާފަށް ޔަތީމްޚާނާ ތަކަށާއި ހޮސްޕިޓަލްތަކަށާއި ޘަޤާފީ އަދި ޗެރިޓީ ހަފްލާތަކަށާއި ނުކުޅެދޭ މީހުންނާއި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުންވެސް ރާނިޔާ ގިނަކުރައްވާފައިވާކަން މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ ޖަނަވަރީމަހު އަރަބި ދުނިޔެއށް އަންނަންފެށި ރައްޔިތުންގެ އިންޤިލާބުތަކާގުޅިގެން އުރުދުންގެ ރަސްކަމަށްވެސް ރައްޔިތުންގެ "ރޯޅިއެއް" ކުރިމަތިވެދާނެ ކަމުގެ ބިރު ޝާހީ ޢާއިލާ އިޙްސާސް ކުރިއެވެ. އެދުވަސްވަރު ރާނިޔާއަށް ކުރިމަތިވެގެންދިޔަ އާންމުންގެ ފާޑުކިޔުންތަކުގެ ތެރޭގައި އޭނާ ޔޫރަޕް ސްޓައިލްގެ ދިރިއުޅުއްވުމަށް ލޯބިކުރެއްވުމާއި އޭނާގެ 40 ވަނަ އުފަންދުވަސް އުރުދުންގެ ފަގީރު ސަރަޙައްދެއްގައި ފާހަގަކުރިއިރު ޔޫރަޕް ސްޓައިލްގެ ޚަރަދުބޮޑު އިސްރާފް ހަފްލާއެއް ބޭއްވުންފަދަ ފާޑުކިޔުންތައް ހިމެނެއެވެ.

ރާނިޔާގެ ޚަރަދުބޮޑު އިސްރާފު ލައިފް ސްޓައިލަށާއި ހެދުންކޮޅުތަކަށް އޭނާ ގެންނެވި މިބަދަލުތަކަކީ އުރުދުންގެ ރައްޔިތުންގެ ރުޅިއާއި ނުރުހުން ލޯތްބަށް ބަދަލުކުރުމަށް ވަރަށް ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު އޭނާ ގެންނެވި ބަދަލުތަކެއް ކަމަށާ މިބަދަލުތަކުގެ ނަތީޖާވެސް ރަނގަޅު ކަމަށް ވެރިރަށް ޢާންމާންގައި އުޅުއްވާ ހުޅަނގުގެ ޑިޕްލޮމޭޓަކު ސިފަކުރެއްވިއެވެ.

އުރުދުންގެ މުޙައްލިލަކު ވިދާޅުވިގޮތުގައި މިދޔަ ފެބްރުއަރީ މަހަށްފަހު އުރުދުންގެ މަޖައްލާތަކުގެ ބޭރު ގަނޑުން ރާނިޔާ ފެންނަނީ އޭނާގެ ދަރިންނާއެކު ވަރަށް މުޙްތަރަމް، ޢަރަބި އާދައިގެ ހެދުންކޮޅުތައް ތުރުރައްވައިގެން މަންމައެއްގެ ގޮތުގައި ހުންނަވާ ފޮޓޯތަކެވެ.

އޭގެކުރިން އުރުދުންގެ މަޖައްލާތަކުގެ ބޭރުގަނޑުގައި ހުންނަ ރާނިޔާގެ ފޮޓޯތަކަކީ ޔޫރަޕްގެ ޒަމާނީ އަގުބޮޑު ފެޝަންތަކުގެ ހެދުންކޮޅުތަކުގައި ސްވިޓްޒަރލޭންޑް ގެ ޑާވޮސްގައި ނޫނީ އެމެރިކާގެ ލޮސްއެންޖޮލަސްފަދަ ތަންތަނުގައި ނަންގަވާފައިވާ ފޮޓޯތަކެވެ.

ވިރާޘީ ރަސްކަމެއްކުރާ އުރުދުންގައި ރަސްގެފާނަށާއި ރާނީއަށާއި ޝާހީ ޢާއިލާއަށް ފާޅުގައި ފާޑުކިޔުމަކީ ޖަރީމާއެއްފަދަ ކުށެއްކަމަށްވިޔަސް ޢަރަބި ވެރިންނާ ދެކޮޅަށް މިހާރު ފެށިގެންއުޅޭ ރައްޔިތުންގެ އިންޤިލާބުތަކާގުޅިގެން އުރުދުންގެ ޝާހީ ޢާއިލާއަށްވެސް ފާޑުކިޔުމާއި އެޢާއިލާއަށް ނަފްރަތުކުރުމުގެ ޝުޢޫރުތައްވަނީ ކޮންމެވެސް ވަރަކަށް ހިލިގެންފައެވެ. މިކަމާމެދު ރަސްގެފާނާއި ޝާހީ ޢާއިލާވަނީ ވަރަށް ބިރުގަނެ ޖެހިލުންވެފައެވެ.

އެހެންކަމުން ކުރިޔާ ޚިލާފަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޝާހީ އާއިލާ މިހާރުދަނީ ޖެހިލުންވެ ފަސްޖެހެމުންނެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ އުރުދުންގެ ނުފޫޒުގަދަ ޤަބީލާތަކެއްގެ ޝައިޚުންތަކެއް ސޮއިކުރައްވައި މިދިޔަ ފެބްރުއަރީމަހު ޝާހީ ޢާއިލާއަށް ފޮނުއްވި ހުޅުވާލެވިފައިވާ ސިޓީއެއްގައި، އުރުދުންގެ ރަސްކަމުގެ ދީވާންތަކަށް ބާރާއި ނުފޫޒު ހިންގައި އަމިއްލަ މަސްލަޙަތު ކުރިޔަށް ނެރުއްވުމަށް ރާނިޔާ މަސައްކަތް ކުރައްވާ ކަމަށާ އޭނާއަކީ އުރުދުންގެ ދައުލަތަށާއި ސިޔާސީ ނިޒާމަށާއި ޝާހީ ޚާންދާނަށް ހުރި ބިރެއް ކަމަށް ސިފަކޮށްފައިވުމެވެ.

އުރުދުންގެ ޤަބީލާތަކުގެ ނުފޫޒުގަދަ ޝައިޚުންގެ މިސިޓީއާ ގުޅިގެން އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ހިއްވަރު )ޢަރަބި ދުނިޔޭގެ ޙަލާތު މިހާރު އޮތްގޮތުން( ރަސްގެފާނު ޢަބްދުﷲ އަށް ލިބިވަޑައިގެންފައެއް ނުވިއެވެ. ރަސްގެފާނުގެ އަނބިކަނބަލުން ރާނިޔާއާ ދެކޮޅަށް ފާޅުކަންބޮޑުގޮތެއްގައި މިހާ ހަރުކަށިކޮށް ފާޑުކިޔުމުން އެކަމާދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ޝާހީ ދީވާނުން ބުނެފައިވަނީ ޤަބީލާތަކުގެ ޝައިޚުން މިހާ ހަރުކަށިކޮށް ރާނިޔާއަށް ފާޑުކިޔުމުން ހިތާމަކުރާ ކަމަށާ މިކަމުގެ ސަބަބަކީ ޝާހީ ޢާއިލާއާއި ރާނިޔާގެ ދިރިއުޅުއްވުމާބެހޭ ފުރިހަމަ މައްލޫމާތު ޤަބީލާތަކުގެ ޝައިޚުންނަށް ލިބިފައިނުވުމެވެ.

އަމިއްލަ ޤައުމުގައި އުރުދުންގެ ޝާހީ ޢާއިލާގެ ޙާލަތު މިގޮތަށް ހުރިނަމަވެސް އުރުދުންގެ ޝާހީ ޚާންދާނުގެ މެންބަރުންނަކީ އެމެރިކާއާއި ޔޫރަޕްގައި ވަރަށް މަޝްހޫރު އަދި މަޤްބޫލު ބައެކެވެ. ސަބަބަކީ ހުޅަނގުގެ ލާދީނީ ސްޓައިލާއި ހުޅަނގުގެ ފެޝަންތަކާއި "ވޭ އޮފް ލައިފް" އާ އެއްގޮތަށް އެބޭފުޅުންގެ ދިރިއުޅުއްވުން ބައްޓަންކޮށްފައި ވުމާއި ހުޅަނގުގެ މަސްލަޙަތުތަކާ އެއްގޮތަށް އަމިއްލަ ޤައުމުގައި ޚުދުމުޚްތާރު ވެރިކަމެއް ކުރައްވަމުން ގެންދެވުމެވެ.

ޔޫރަޕްގެ ޝާހީ ޢާއިލާތަކުގެ ދިރިއުޅުން ކޮޕީކުރުމުގެ އިތުރުން ޔޫރަޕްގެ ޝާހީ ޚާންދާންތަކުގެ މެންބަރުންނަކީ ރޯލްމޮޑެލުން ކަމުގައި އުރުދުންގެ ޝާހީ ޢާއިލާގެ މެންބަރުން ދެކެއެވެ. އުރުދުންގެ ރާނީންނަކީ އެމެރިކާއާއި ޔޫރަޕްގެ އަންހެނުންގެ މަޖައްލާތަކާއި ފެޝަން މަޖައްލާތަކުގެ ބޭރުގަނޑު ފަޅުފިލުވާ ބައެކެވެ. އުރުދުންގެ މިހާރުގެ ރަސްގެފާނުގެ ބައްޕަ، ކިންގް ޙުސައިންގެ އަނބިކަނބަލުން ނޫރުލްޙުސައިންއަކީ ހުޅަނގުގައި އަދި މާމަޝްހޫރު ބޭފުޅެކެވެ.

އުރުދުންގެ އާބާދީގެ ގާތްގަނޑަކަށް 45% އަކީ ފަލަސްތީނު މީހުންނެވެ. އުރުދުންގެ ރާނީ ރާނިޔާ ޢަބްދުﷲ އަކީ ފަލަސްތީނު އަންހެނެކެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވަނީ ފަލަސްތީނުގެ ވަރަށް މުއްސަނދި ޢާއިލާއަކަށެވެ. ރާނިޔާގެ ބައްޕައަކީ ފަލަސްތީނުގެ ބޮޑު ވިޔަފާރިވެރިއެކެވެ.

އުރުދުންގެ ރަސްގެފާނުގެ ޖެހިލުންވެވަޑައިގަތުމާއި ރަނިކަމަނާ ހަމަބިމަށް ތިރިވެވަޑައިގެން ރައްޔިތުންގެ ލޯބިހޯއްދެވުމަށް ހައްދަވަމުން ގެންދަވާ އުކުޅުތަކުގެ ފަހަތުގައިވަނީ ޢަރަބި ވެރިންނާ ދެކޮޅަށް ޢަރަބި ރައްޔިތުން ދައްކަމުންގެންދާ ރައްޔިތުންގެ ބާރުތަކެވެ. ހުސްނީ މުބާރަކާއި ގައްޒާފީއާއި ބިންޢަލީއާއި ޢަލީ ޢަބްދުﷲ ސާލިޙާއި ބައްޝާރުލް އަސަދާދެކޮޅަށް އެބޭފުޅުންގެ ރައްޔިތުން ދައްކާލި ބާރުތަކެވެ.
އުރުދުންގެ ޝާހީ ޢާއިލާއަށް މިހާރުވަނީ ރައްޔިތުންގެ "ރޯޅިއެއްގައި" ޝާހީ ނިޒާމް އެއްލާލާފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އިޙްސާސް ވެފައެވެ. މިފަދަ ރޯޅިއެއްގެ ބިރު އިޙްސާސް ނުކުރައްވާ ޢަރަބި އެއްވެސް ވެރިއަކު އަދި ރަސްކަލަކު ވެސް މިހާރަކު ނެތެވެ. – ފައިނޭންޝަލްޓައިމްސް، އުރުދުންގެ މީޑިޔާ