13 Apr 2017, 09:13
ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުކަމަށާއި، އަންނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެ އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރެވޭ ވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓަށް 51 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ހުޅުލޭގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބަލައިލި ކަމަށް ވީ ނަމަވެސް އުމްރާނީ އަދި އިގްތިސާދީ އެތައް މަޝްރޫއެއް ހިންގަމުންދާ މަންޒަރު ފެންނަ ކަމަށާއި އެ މަސައްކަތްތައް ގުޅިފައި ވަނީ އެ އެއާޕޯޓަށް ގެނެވޭ ތަރައްގީއާ ކަމަށެވެ.
"މި ކޮންމެ ކަމަކާ ގުޅިފައި މިވަނީ ހަގީގަތުގައި މި އެއާޕޯޓަށް ގެނެވޭ ތަރައްގީއާ މި އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޓަކައި ސަރުކާރުން ކުރައްވާ މަސައްކަތަށް. ކުރުގޮތަކަށް ދަންނަވާ ނަމަ ދިވެހި ތާރީހުގައި އެންމެ ބޮޑު އެންމެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ހިންގޭ މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެއާޕޯޓު ތަރައްގީ ކުރާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރާ އިރު، އެ މަޝްރޫއުގެ ދަށުން އާ ޓާމިނަލް އާއި ފިއުލް ސްޓޯރޭޖްގެ ޖާގަ އިތުރުކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
"ކޯޑް އެފް ސްޓޭންޑަޑަށް، ބަައިނަލްއަގުވާމީ ވިޔަފާރިތައް ގަބޫލުކުރާ އިންޓަނޭޝަނަލް އެއާލައިންސްތައް އިތުބާރު ލިބޭ ފަދަ ދެވަނަ ރަންވޭއެއް ބިނާކުރެވެމުން މިދަނީ. އަންނަ އަހަރުގެ މެދުތެރޭގައި ޖުލައި އޮގަސްޓް ހިސާބަށް ދާއިރު މި ރަންވޭ ބޭނުންކުރެވޭ ވަރަށް ތަރައްގީކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ޔަގީންވެފައި ވަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓް ބަންދުނުކޮށް ހިންގަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ނަމަވެސް އެ މަޝްރޫއުތައް ކުރިޔަށް ގެންދެވެނީ އެއާޕޯޓުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވައި އެ މުވައްޒަފުންނަށް މިނިސްޓަރު ހިތްވަރު ދެއްވި އެވެ.
ހުޅުލޭގައި ރޭ ބޭއްވި އެ ޖަލްސާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނިކަމުގައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އެކުންފުނިން ހިންގާ ބައެއް ޕްރޮގްރާމްތަކުން ޖާގަ ލިބުނު މުވައްޒަފުންނާ ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އެގޮތުން، އެ ކުންފުނިން ހިންގާ ހައްޖު ސްޕޮންސާޝިޕް ޕްރޮގްރާމުގައި މި އަހަރު 10 ފަރާތަކަށް ޖާގަ ދީ، އެފަރާތްތަކާ ވަނީ ހައްޖު ދަތުރު ލިބިފައިވާ ކަމުގެ ލިއުން ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ދަރިން ކިޔަވަން އިންޓްރެސްޓާ ނުލައި ލޯނު ދޫކުރާ ޕްރޮގްރާމުން 11 ފަރާތެއް ހޮވައި އެކަމުގެ ލިއުންވެސް އެފަރާތްތަކާ ވަނީ ހަވާލުކޮށްފަ އެވެ.
އޭގެ އިތުރުން ވަޒީފާގައި ހުރެގެން ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ސްޓާފް ޑިވެލޮޕްމެންޓް ސްކީމުގެ ދަށުން މިދިޔަ އަހަރު ކިޔަވަން ދާން ބޭނުންވި މުވައްޒަފުންގެ ތެރެއިން ހޮވުނު 31 މުވައްޒަފަކަށް ވަނީ އެކަމުގެ ލިއުން ހަވާލުކޮށްފަ އެވެ. އަދި މިއަހަރު އެ ސްކީމުގެ ދަށުން ކިޔަވަން ދާން ބޭނުންވާ 16 ފަރާތަކަށް ވެސް މިރޭގެ ޖަލްސާގައި ލިއުން ހަވާލުކޮށްފައިވެ އެވެ.