12 Apr 2017, 23:44
އެގްރިގޭޓުން މީދޫގެ މައްޗަށް ކުރި ހޯދައިގެން މިނިވަން ޗެމްޕިއަންޝިޕް ދ. އަތޮޅުގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފިއެވެ.
މުބާރާތުގައި ދ. އަތޮޅުން ހަމައެކަނި ކުޑަހުވަދު އާއި މީދޫ ބައިވެރިވެފައިވުމުން، އެ އަތޮޅުގެ ޗެމްޕިއަންކަން ލިބޭނީ ދެ މެޗު ކުޅެ، އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށެވެ.
ދ. އަތޮޅު ބުރުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގައި 2-1 ލަނޑުގެ ނަތީޖާއަކުން މީދޫގެ މައްޗަށް ކުޑަހުވަދޫ ވަނީ ކުރި ހޯދައިފައެވެ. އަތޮޅު ޗެމްޕިއަންކަން ކުޑަހުވަދުއަށް ލިބުނީ 3-2 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ.
ދ. މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި މީދޫގެ ހަސަން މިރްސާލް އަތުން ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން ކުޑަހުވަދުއަށް ލީޑު ލިބިފައިވަނިކޮށް، މެޗުގެ 71 ވަނަ މިނެޓުގައި މީދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް ރަޝާދެވެ.
ކުޑަހުވަދޫން ދެން ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ކުޑަހުވަދޫގެ އިތުރުން ދެން އެ ބުރުގައި ވާދަކުރާނީ މ. އަތޮޅު ޗެމްޕިއަން މުލަކާއި، ވ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމު ކަމަށްވާ ފުލިދޫ އަދި ފ. އަތޮޅުގެ ޗެމްޕިއަން ބިލެއްދޫއެވެ.