12 Apr 2017, 20:42
މާލޭ ލީގުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ކްލަބު ވެލެންސިއާ ބަލިވެއްޖެއެވެ.
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން ވެލެންސިއާ، މިއަދު ހަވީރު ކުޅުނު މާލޭ ލީގުގެ މެޗުގައި އީގަލްސް އަތުން ބަލިވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ވެލެންސިއާއަށް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ހޯދިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެ ޕޮއިންޓަކީ ކްލަބު ގްރީން ސްޓްރީޓްސް އަތުން އެ ޓީމަށް ލިބުނު ޕޮއިންޓެވެ. ލީގުގައި އީގަލްސްގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބު އަތުން ވެސް ވެލެންސިއާ ވަނީ ބަލިވެފައެވެ. ލީގުގައި އީގަލްސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ވަނީ ބަލިވެފައެވެ.
މިއަދު ހަވީރު ކުޅުނު މާލޭ ލީގު މެޗުގެ ހަތަރުވަނަ މިނެޓުގައި އީގަލްސްއިން ލަނޑެއް ޖަހައި ލީޑު ހޯދިއެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމް (އަންކޮ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
މާލޭ ލީގުގައި އީގަލްސްއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ލަނޑަށްފަހު ވެސް އީގަލްސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އީގަލްސްއިން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނާޝިދު (ނައްޓޭ)އެވެ.
އެ ދެ ލަނޑުގެ އިތުރުން ވެސް އީގަލްސްއަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ނައްޓޭއާއި އަންކޮ އަދި އަހްމަދު ރިޒުވާން (ރިޒޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން އީގަލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ތެރޭގައި އެޓީމުގެ ތިންވަނަ ލަނޑު ފެނިގެންދިޔައެވެ. މެޗުގެ 53 ވަނަ މިނެޓުގައި އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު ނައުފަލްއެވެ.
މާލޭ ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.