12 Apr 2017, 20:22
ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން 18 މިލިއަން ޑޮލަރު (277.6 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދީފިއެވެ.
ފިޝަރީސް މިނިސްޓްރީން ބުނި ގޮތުގައި ވޯލްޑް ބޭންކުން އެ ފައިސާ ދެނީ، ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ތަރައްގީކޮށް ހެޔޮ ގޮތުގައިގައި ބޭނުން ކުރުމަށް އެކުލަވާލެވުނު "މޯލްޑިވްސް ސަސްޓެއިނަބުލް ފިޝަރީޒް ރިސޯސް ޑިވެލޮޕެމެންޓް ޕްރޮޖެކްޓް" ގެ ފުރަތަމަ ފިޔަވަހި ހިންގުމަށެވެ.
އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ މިއަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށެވެ. އެ ފިޔަވަހި ކާމިޔާބު ކަމާ އެކު ނިންމާލެވިއްޖެ ނަމަ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ވެސް ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވޯލްޑް ބޭންކުން ދީފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮޖެކްޓުގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ފުރިހަމަ ވެސެލް ލޮކޭޓިން ސިސްޓަމެއް އާ ޓެކްނޮލޮޖީގެ އެހީގައި ގާއިމް ކުރާނެ އެވެ. އެ ނިޒާމުގެ ސަބަބުން މަސްވެރިން ބާނާ މަހަށް އެންމެ ރަނގަޅު އަގު ހޯދައިދިނުމަށް ބައިނަލްއަގުވާނީ ގޮތުން ލާޒިމް ކުރާ މަސްވެރިކަން ބެލެހެއްޓުމަށްޓަކައި ހުށަހަޅަން ޖެހޭ ތަފާސް ހިސާބުތައް ފަސޭހަކަމާ އެކު ހުށަހެޅި އަދި މަސްވެރިން ކަނޑުމަތީގައި ހޭދަ ކުރާ ދުވަސްތަކުގައި އާއިލާއާ މުއާމަލާތްކޮށް ހެދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެ ޑިވައިސްގެ ސަބަބުން މިހާރު މަސްވެރިން އެކަމަށްޓަކައި ކުރާ ޚަރަދު އެތައް ގުނައެއް ކުޑަކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ވޯލްޑް ބޭންކާ އެކު ރާއްޖެއިން މަޝްވަރާ ކުރީ ނުވަ މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް އެ އަދަދަށް ވުރެ، ދެގުނަ ފަންޑިން ލިބިފައި ވަނީ ރާއްޖެއިން އިސްނަގައިގެން ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ތަރައްގީކޮށް ބެލެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ ޕްރޮޖެކްޓުގެ ދަށުން، ރާއްޖެ ބައިވެރިވާ ސަރަހައްދީ ޖަމިއްޔާތަކަށް މަސްވެރިކަން ބެލެހެއްޓުމަށްޓަކައި ހުށަހަޅަން ޖެހޭ ތަފާސް ހިސާބުތައް ނެގުމަށް 20 އިލެކްޓްރޯނިކް އޮބްޒާވަރު ސިސްޓަމް ގާއިމް ކުރުމަށް ވެސް ހިމަނާފައިވެއެވެ.
ފަރު މަސްވެރިކަމުގެ މައުލޫމާތުތައް ނެގުމަށްޓަކައި ޕީޑީއޭ ވަސީލަތްތަކެއް ތައާރަފް ކުރުމާއި އެން ވަތް ބަދަލު ކުރުމަށްޓަކައި މަސްވެރިންނަށް ލުއި ލޯނު ދޫކުރުން ފަދަ ކަންކަން ވެސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.