12 Apr 2017, 17:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ނުވައެއް ޖަހާއިރު ބާއްވައި، އިމާރާތްކުރުމާ ބެހޭ ބިލު ފާސްކޮށް މަޖިލީސް ޗުއްޓީއަށް ދާން ނިންމައިފި އެވެ.
މިރޭ ޖަލްސާއެއް އޮންނަކަން މިއަދު ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާ އިއުލާނުކޮށްފައެއް ނުވެ އެވެ.
މިއަދު މަޖިލީހަށް ބަލައިގަންނަން ފާސްކުރި އިމާރާތްކުރުމާ ބެހޭ ބިލު މިރޭ ފާސްކުރުމަށް ނިންމާފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އިމާރާތާ ބެހޭ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ 44 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް 17 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.
އިމާރާތާ ބެހޭ ބިލުގައި ފަރުމާކޮށްފައި ވަނީ ގާނޫނާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެގޮތުން 50،000 އާއި އެއް މިލިއަން ރުފިޔާއާ ދޭތޭރޭ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ގިނަ މާއްދާތަކުގައި ބަޔާންކޮށްފައިވެ އެވެ.
އިމާރާތް ބޭނުން ކުރެވޭނީ ހުއްދަ ލިބިގެން
ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާ ބެހޭ އިދާރާޔަކުން އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް އިމާރާތް ބެލެހެއްޓުމަށް އިމާރާތުގައި މީހަކު ބެހެއްޓިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ވަގުތީ ގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ހުއްދައަކާ ނުލައި އިމާރާތްކުވޭނެ ހާލަތްތައް
ދުރާލާ ހުއްދަ ހޯދުމަށް ވަގުތު ނުލިބޭ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރެވޭނެ ކަމަށް އިމާރާތާ ބެހޭ ބިލުގައި ވަނީ ބުނެފަ އެވެ.
މީހެއްގެ ފުރާނަ ނުވަތަ ސިއްހަތު ރައްކާތެރި ކުރުމަށް
- މީހެއްގެ ފުރާނައަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތަކުން ސާލާމަތް ކުރުމަށް
- ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ކުއްލި ގޮތުގައި އިމާރާތްކުރަން ޖެހޭ ހާލަތްތައް