ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް މާދަމާ 11:30ގައި ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ. އެކުށް ގާސިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަދަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ 540 ވަނަ މާއްދާގެ ދަށުންނެވެ.

މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

ގާސިމް ދޫކޮށްލަން މިއަދު ހައިކޯޓުން އަމުރުކޮށްފައި ވަނީ ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. ހައިކޯޓުގައި އަމުރުގައި ބުނެފައިވަނީ ގާސިމް ހައްޔަރު ކުރަން އަމުރު ނެރުނީ މެމްބަރުންގެ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.