އެސްޓަންވިލާގެ އިނގިރޭސި މިޑްފީލްޑަރު ސްޓެވާޓް ޑައުނިންގް ހޯދުމަށް ލިވަޕޫލްއިން ހުށަހެޅި ދެވަނަ ހުށަހެޅުން ވެސް އެސްޓަން ވިލާއިން ގަބޫލު ނުކޮށް ދޫކޮށްލާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު އެސްޓަންވިލާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރަށްވުރެ ކުރު މުއްދަތެއް އޮއްވާ، އެ ކްލަބާއިއެކު މުއްދަތު އިތުރު ނުކުރާނެކަމަށް ބުނެފައިވަ ކަމަށް ވެސް ހަބަރުތައް ވަނީ ފަތުރާފަ އެވެ. ޑައުނިން އާ ބެހޭ ގޮތުން ހަބަރުތައް ފެތުރިފައި ވަނީ އޭނާއާއެކު ވިލާގެ މެދުތެރެއަށް ކުޅެމުން އައި އޭޝްލީ ޔަންގް ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ލިވަޕޫލްއިން ޑައުނިންގް ހޯދުމަށް ފުރަތަމަ ހުށަހަޅާފައިވަނީ 12 މިލިޔަން ޕައުންޑެވެ. ފުރަތަމަ އަގު އެސްޓަން ވިލާއިން ގަބޫލު ނުކުރުމުން ދެވަނަ ހުށަހެޅުމަކަށް ލިވަޕޫލްއިން ހުށަހަޅާފައިވަނީ 15 މިލިޔަން ޕައުންޑެވެ. މިހާރު ރިޕޯޓްތައް ބުނާގޮތުން ވިލާއިން ޑައުނިންގްއަށް 20 މިލިޔަން ޕައުންޑް ބޭނުން ވާކަމަށް ވަނީ ބުނެފަ އެވެ. މި އަގު ހޯދުމަށް ވިލާއަށް މަސައްކަތްކުރަނީ އެ ކްލަބުގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އާ ކުޅުންތެރިން ހޯދަން ކަމަށް ވެއެވެ.

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްދެއްކި ޑައުނިންގްވަނީ ސީޒަންގައި ކްލަބަށް އެންމެ ފައިދާހުރި ކުޅުންތެރިޔާއަށްވެފަ އެވެ. ޑައުނިން 2009 އަހަރު ވިލާއަށް ބަދަލުވެ ޓީމުގައި މުހިންމު ރޯލެއް ވަނީ ކުޅެފަ އެވެ.