14 May 2010, 12:09
14:30
ގުއަންޓަނާމޯބޭ ޖަލުން ދެ މީހަކު ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ސިއްރިއްޔާތުގައި ކުރަމުންދާ ކަމެއް ނޫން ކަމަށާއި މުސްލިމް އެ ދެ މީހުން އައުމަކުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހެއްގައި އެމަނިކުފާނުގެ ދެއްވާ ރޭޑިއޯ ހިތާބުގައި، ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާތީ, އެކަމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން އެކިއެކި ގޮތް ގޮތަށް ވާހަކަ ދައްކަމުންދާކަން ފާހަގަކުރައްވައި މިއަދު ވާހަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ވާހަކަ އަކީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެމަނިކުފާނު އާއްމުކޮށް ދައްކަވައިފައިވާ ވާހަކައެއް ކަމަށާއި ސަރުކާރުން އެ ކަންތައް ކުރުމަށް ނިންމީ ހެޔޮ ނިޔަތުގައި ކަމުގައި ވިދާޅުވި އެވެ. އަދި ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކޮށްފައިވާ ހުރިހާ އެންމެންނަކީ ޓެރަރިސްޓުން ނޫންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ޖަލުގައި ހައްޔަރުކުރި ދިވެއްސެއް ވެސް ރާއްޖެ ގެނެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ދެ މީހަކު ރާއްޖެ އައުމަކުން، ރާއްޖޭގެ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް، އެއްވެސް އުނިކަމެއް އައިސްގެނެއް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުޙައްޤުން ހައްޔަރުވެތިބި ބަޔަކު، ޚާއްޞަކޮށް އިސްލާމް ބަޔަކަށް ލުއިގޮތެއް ހޯދައިދިނުމުގައި ރާއްޖެއިން އެހީތެރިވެވެން އޮއްވާ، އެކަން ނުކޮށް ދޫކޮށްލުމަކީ، އަޅުގަނޑުމެންގެ ޤާނޫނު އަސާސީ އާއި، މާތްވެގެންވާ އިސްލާމްދީން އަދި ދިވެހިވަންތަކަމާ ވެސް އެއްގޮތަކަށް ވެސް އެއްގޮތް ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މިކަން ކުރާއިރުގައި، ޤާނޫނަކާ ޚިލާފަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، މިކަން ކުރައްވަމުން ގެންދަވާނީ، ހުރިހާ ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިކަމުގައި ޑީ.އާރު.ޕީ.ގެ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ސަރުކާރަށް ހުށަހަޅުއްވައިދެއްވުމަށް ޑީ.އާރު.ޕީ.ގެ ބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނެވި އެވެ.
ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކުގެ ތެރެއިން ޅ. ހިންނަވަރާއި، ބ. ތުޅާދު އާއި، ނ. ވެލިދު އާއި ހއ. ދިއްދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މާދަމާ ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެ ހަތަރު ރަށް ހިއްކުމުގެ މަސައްކަތް ގިނަވެގެން ދެމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ހިތާބުގައި ބައްލަވާލެއްވި އެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނަށް މިކަމުގެ ދަތިތައް އެބަފޯރާ ކަމަށާއި، އެ ދަތިތައް ޙައްލުކުރުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ރައްޔިތުންނަށް ވެދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރު ޙިއްޞާވާ ކޮންމެ ކުންފުންޏަކީ ވެސް އޭގެ ޒާތުގައި އަމިއްލައަށް ހިނގޭ ކުންފުންޏަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އެކަނިވެރި މައިންބަފައިންނަށާއި ޔަތީމު ކުދިންނަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ އެހީ ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށާއި، ޔަތީމު ކުދިންނަށާއި، އެކަނިވެރި މައިންނަށް މިހާރަށްވުރެ ތަންކޮޅެއް ތަނަވަސް ގޮތެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.