ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދޫކޮށްލަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ހައި ކޯޓުން މިފަދަ އަމުރެއް ނެރުނީ، ގާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުގައި މިއަދު މެންދުރު ބޭއްވި ޝަރީއަތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އާއި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ވައްޓާލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ގާސިމް ދޫކޮށްލަން ހައިކޯޓުން ކޮށްފައިިވާ އަމުރުގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކޮށްފައި ވަނީ ކުށެއް ކުރަނިކޮށް ނުވަތަ ކުށުގެ ވެށިން ނޫން ކަމަށެވެ.

އެހެންކަމުން އެފަދަ ހާލަތެއްގައި މަޖިލީހުގެ މެމްބަރެއް ހައްޔަރު ކުރެވޭނީ ޕީޖީ އޮފީހުން އެދިގެން ސުޕީރިއާ ކޯޓެއްގެ އަމުރަށް ކަމަށް އެނގެން އޮންނަ ކަމަށެވެ. އެގޮތަށް މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.

ހައިކޯޓު އަމުރުގައި ބުނެފައި ވަނީ ގާސިމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ ފުލުހުންކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން ގާސިމް ބަންދުގައި ބަހައްޓާފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އިމްޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

ގާސިމް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން ގާސިމް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކުރި އަމުރަކީ ވެސް ބާތިލް އަމުރެއް ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

"ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެ." ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އެހެންކަމުން މި ހިނދުން ފެށިގެން ގާސިމް އިބްރާހިމް ދޫކޮށްލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ގާސިމް މިއަދު ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފައިވާ އިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ. އެކުށް ގާސިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަދަކީ އަށް އަހަރަށް ޖަލަށް ލުމެވެ. އޭގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ 540 ވަނަ މާއްދާގެ ދަށުންނެވެ.

މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.