12 Apr 2017, 14:53
ދިއްލީ (އޭޕްރިލް 12): އިންޑިއާއަށް ޖާސޫސު ކުރި ކަމަށް ބުނެ ޕާކިސްތާނުން މަރުގެ ހުކުމް ކުރި ގުލްބުޝާން ޖަދާވަށް އިންސާފު ހޯދާ ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
މިދިޔަ އަހަރު ޕާކިސްތާނުން ހައްޔަރު ކުރި ޖަދާވްގެ މައްޗަށް ޖާސޫސު ކުރުމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ޕާކިސްތާނުން ވަނީ ޖަދާވް ޖާސޫސު ކުރި ކަމަށް އިއުތިރާފުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
އިންޑިއާއިން ބުނާ ގޮތުގައި އެ އިއުތިރާފު ހޯދާފައި ވަނީ ބިރު ދައްކައިގެންނެވެ.
ގުލްބުޝާންއަކީ އިންޑިޔާ ކަނޑުގެ ސިފައިންގެ އޮފްސަރެއް ކަމަށް ޕާކިސްތާނުން ބުނެ އެވެ. އޭނާ ޕާކިސްތާނަށް ވަދެފައި ވަނީ އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ނަންއޮޅުވާލުމަށް ފަހު ވަގު ޕާސްޕޯޓެއްގަ އެވެ. އޭނާގެ އަސްލު ނަމަކީ ގުލްބުޝާން ގެދާފް ކަމަށްވިޔަސް ޕާކިސްތާނަށް ވަދެފައި ވަނީ ހުސައިން މުބާރަކް ބާތީލް ކިޔާ ނަމެއްގައި ކަމަށް ޕާކިސްތާނުން ބުނެ އެވެ.
މީގެ އިތުރުން، ޕާކިސްތާނުން ބުނާ ގޮތުގައި ޖަދާވް ހައްޔަރު ކުރީ މިދިޔަ އަހަރުގެ މާޗް މަހު ބަލޮޗިސްތާން ޕްރޮވިންސުންނެވެ. ނަމަވެސް އިންޑިއާ އިން ބުނާ ގޮތުގައި ޖަދާވް އީރާނުގައި ހުއްޓާ ޕާކިސްތާނުން އޭނާ ވަގަށް ނެގީ އެވެ.
ހޯމް މިނިސްޓަރު ރާޖްނަތު ސިންހު ވަނީ ޖަދާވްއަށް އިންސާފު ލިބޭނެ ކަން ޔަގީން ކުރުމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ވިދާޅުވި ގޮތުގައި ޖަދާވް 'ވަގަށްނެގުމަށް ފަހު'، ޕާކިސްތާނުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ތެދު ނޫން ދައުވާތަކެކެވެ.
މީގެ ކުރިން 1999ގައި ޕާކިސްތާނުން ވަނީ ޖާސޫސު ކުރި ކަމުގެ ކުށުގައި ޝޭހު ޝަމީމު ކިޔާ މީހަކަށް މަރުގެ އަދަބު ދީފަ އެވެ. (ބީބީސީ)