12 Apr 2017, 14:41
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ޓީވީ ސްޓޭޝަން އަދި މިހާރު ހުއްޓާލާފައިވާ ދިޓީވީގެ ކުރީގެ ސީއީއޯގެ މަގާމުގައި ހުރި މިދުހަތު އާދަމަށް ރައީސް އޮފީހުގެ ޑިރެކްޓަރުގެ މަގާމް ދީފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މިދުހަތަށް އެ މަގާމު ދީފައި ވަނީ އިއްޔެ އެވެ.
ދިޓީވީގެ ސީއީއޯގެ އިތުރުން އެ ސްޓޭޝަންގެ ނިއުސް ހެޑްގެ މަގާމާއި މިއަދު ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވި މިދުހަތަކީ މޯލްޑިވްސް ޖޯނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަން (އެމްޑީއެފްއެމް)ގެ ފައުންޑަރު އަދި ހަޒާންދާރެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ދިޓީވީގެ ހިދުމަތް ރާއްޖެއަށް ދޭން ފެށީ ޖުލައި 1، 2008 ވަނަ އަހަރުގަ އެވެ.
ނަމަވެސް އެ ދެކުންފުނީގެ ހާލަތު މިހާރު ހުރި ގޮތުން އެ ޗެނަލް ދެމެހެއްޓެނެވި ގޮތަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދިޓީވީ އާއި ދިޕުލަސްގެ ޓްރާންސްމިޝަން ވަނީ ހުއްޓާލައިފަ އެވެ.