ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްފައިވާ ފިރިހެނުންގެ އަދަދަކީ 49 ފިރިހިނެއް ކަމަށާއި އެންމެ ގިނަ އިން އެ ގައުމުތަކަށް ދަނީ އަންހެނުންނާއި ކުޑަކުދިން ކަމަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު(އެންސީޓީސީ) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގައި ހައްދުފަހަނައެޅުމާބެހޭ ބޭސްޑްލައިން ސްޓަޑީއާ ބެހޭ މައުލޫމާތު އާންމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންސީޓީސީގެ ޑިރެކްޓަރު ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި މިހާރު އެންމެ ގިނައިން ހަނގުރާމަތަކަށް ރާއްޖެއިން ބޭރަށް ދަނީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި އެމީހުންގެ ގެންދިއުމުގައި ބެލެނިވެރި ފަރާތެއް ހަރަކާތްތެރިވާ ކަމަށެވެ.

"މި ހަނގުރާމައަށް ފިރިހެނުންގެ ގޮތުގައި ގޮސްތިބި މީހުންގެ އަދަދަކީ 49 ކަމަށް އަޅުގަނޑުމެން މިބަލަނީ. އެ އަދަދުތައް މައްޗަށް ދިއުމަށް ހުއްޓުވުމަށް ޓަކައި ވަރަށް ގިނަ ފިޔަވަޅުތަކެއް ދައުލަތުން ވަނީ އަޅުއްވާފައި،" އޭނާ ވިދާޅުވި އެވެ.

މަންސޫރު ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ދިވެހިންގެ ތެރޭގައި ދީނީ ހޭލުންތެރިކަމާއި ދީނީ އިލްމްވެރިން ގިނަ ވެއްޖެ ކަމަށާއި ނަމަވެސް ބައެއް ގައުމުތަކުގެ ހަރުކަށި ދީނީ އިލްމުވެރިންގެ ފަތުވާތަކުގެ ސަބަބުން ދިވެހިންގެ އަގީދާއަށް އަސަރު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ 100 ޕަސެންޓް މުސްލިމް ގައުމެއް. ނަމަވެސް އިސަލާމީ ބޮޑެތި ގައުމުތަކުގައި ވެސް މިފަދަ ފިކުރުތަކުގެ މައްސަލަ ބޮޑުވަމުން އަންނަ ކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެންސީޓީސީގެ ފަރާތުން އެ ކުރި ދިރާސާއަކީ މިދިޔަ އަހަރުގެ ޖުލައި 20 އިން މިއަހަރުގެ މާޗު 15 ވަނަ ދުވަހާ ދެމެދު ކުރި ދިރާސާއެކެވެ.

މިއަދު ބޭއްވި އެ ހަފްލާގައި ވަނީ އެންސީޓީސީގެ ވްބްސައިޓާ ހޮޓް ލައިން އިފްތިތާހް ކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދާން އެއްވެސް ފަރާތެއް އުޅޭ ކަމުގެ މައުލޫމާތު ލިބެއްޖެ ނަމަ އެންސީޓީސީގެ ހޮޓް ލައިން 1615އާ ގުޅައިގެން ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.