12 Apr 2017, 13:43
ޓީއެފްޖީ ލޯންގް ރަންގެ ކޯ ސްޕޯންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ދުވުމުގައި ޖުުމުލަ 60 ބައިވެރިން ދުވާނެ ކަމަށާއި އެކުންފުނިން އެ ދުވުމަށް ތައްޔާރުވެފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިއަދު ހެނދުނު އެމްޓީސީސީ ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެގްޒެކްޓިވް އަބްދުﷲ ފާއިދް ވިދާޅުވީ އެކުންފުނިން މި ދުވުމަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނީގެ 60 މުވައްޒަފުން ދުވުމުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ މުއްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހީ ގޮތުން މުވައްޒަފުންނަކީ ފިޓް ބަޔަކަށް ހެދުމަށް އެ ކުންފުނިން އަބަދުވެސް އިސްކަމެއް ދޭ ކަމަށާއި މި ދުވުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ އެއް މަގުސަދަކީވެސް އެއީ ކަމަށެވެ.
ފާއިދް ވިދާޅުވީ މި ދުވުމުގައި އެކުންފުނީގެ އެންމެ ސީނިއާ މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފާ ހިސާބަށް ބައިވެރިވާނެ ކަަމަށެވެ.
"އެންމެ ސީނިއާ މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފާ ހިސާބަށް މި ދުވުމުގައި ބައިވެރިވާނެ. މަގްސަދަކީ މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުން،" ފާއިދް ވިދާޅުވިއެވެ.
ޓީއެފްޖީ ލޯންގް ރަންގެ ކޯ ސްޕޯންސަރެއްގެ ހައިސިއްޔަތުން ދުވުން ކުރިއަށްދާއިރު އެ ދުވުމުގައި ބައިވެރިވާ 800 އެއްހާ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި ހަތަރު ފެރީ އެދުވަހު އެކަމަށް ހާއްސަކޮށް އޮޕަރޭޓް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކުންފުނިން ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތަކަށް ތަރުހީބު ދެމުންގެންދާނެ ކަަމަށެވެ.
މިފަހަރު ލޯންގް ރަންގެ ބައިވެރީންގެ އަތުން ރެޖިސްޓްރޭޝަން ފީއެއް ނަގާފައި ވާއިރު، މެރަތަން ދުވުންތެރިއަކަށް 35 ޑޮލަރު، ހާފް މެރަތަން ދުވުންތެރިއަކަށް 30 ޑޮލަރު ނަގާފައި ވެއެވެ. ދިހަ ކިލޯ މީޓަރު އަދި ފަސްކިލޯމީޓަރު ދުވުންތެރިން އަތުން ފީއެއްގެ ގޮތުގައި 25 ޑޮލަރު ނަގާފައި ވާއިރު ފަސް ކިލޯމީޓަރު ދުވުންތެެރީން ދައްކަން ޖެހުނީ 20 ޑޮލަރެވެ.
ހުޅުމާލޭގައި ބާއްވާ މި ރޭހުގައި ދުވުންތެރިން ވާދަކުރާ ކެޓަގަރީތައް ފަށާ ގަޑިތައް ތަފާތެވެ. މެރަތަން ދުވުން ހުކުރު ވިލޭރޭ ދަންވަރު 3:20ގައި ފެށޭއިރު، ހާފް މެރަތަން ފެށޭނީ ފަތިހު 6:20ގައެވެ. ދިހަ ކިލޯ މީޓަރު ދުވުން ހެނދުނު 7:20ގައި ފެށޭ އިރު، ފަސް ކިލޯމީޓަރު ދުވުން ފެށޭނީ ހެނދުނު 8:20ގައެވެ.