06 Jul 2011, 15:36
ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯގެ އެންމެ މޮޅު ކުޅުންތެރިޔާ ކޮލަމްބިއާގެ ފަލްކާއޯގެ މަންޒިލަކީ ވެސް ކޯޗް ވިލަސް ބައޮސްގެ މަންޒިލް، ޗެލްސީކަމަށް ފަލްކާއޯގެ ވާހަކަތަކުން ދޭހަވެއްޖެ އެވެ.
ޔޫރޮޕާ ލީގު ޗެމްޕިއަން ޕޯޓޯއަށް އެ މުބާރާތުގައި ކުޅުނު 14 މެޗުން ރެކޯޑަކާއިއެކު 17 ލަނޑު ކާމިޔާބުކޮށްދިން ފަލްކާއޯ ދާނެ ވަކި ކްލަބެއް ހާމަ ނުކުރިނަމަވެސް ޕްރެމިއާ ލީގަށް ކުޅެން ބޭނުންވާކަމަށް ވަނީ ބުނެފަ އެވެ. ޕޯޓޯގެ ކުރީގެ ކޯޗް ވިލަސް ބައޮސް ވެސް ވަނީ ޗެލްސީއަށް ބަދަލުވެފަ އެވެ.
"އަހަރެން އިންތިހާއަށް ކުޅެން ބޭނުންވާ ކްލަބެއް އެބައޮތް. އެއީ އަހަރެންގެ ހުވަފެނީ މަންޒިލެއް. ސްޕެއިންއަކީ ރަނގަޅު ލީގެއް އޮތް ކްލަބެއް. އެކަމަކު އަހަރެން ބޭނުމީ ޕްރެމިއާ ލީގުގެ ކްލަބަކަށް ކުޅެން ބޭނުމީ. އެ ކްލަބަކީ ކޮން ކްލަބެއްކަމެއް މިވަގުތު ބުނެވޭކަށް ނެތް،" ފަލްކާއޯ ބުންޏެވެ.
ފަލްކާއޯއަށް އެއް ސީޒަނެއްގައި ގިނަ ލަނޑުތަކެއް ޖެހިދާނެކަމަށް ހީނުކުރާކަމަށާއި ބޮޑު ލީގަކަށް ބަދަލުވެވޭވަރަށް ފެންވަރު އެބަހުރިކަމަށް ފަލްކާއޯ ގަބޫލުކުރެއެވެ.
"އަހަރެން ހިއެއް ނުކުރަން އެއްސީޒަނެއްގައި އެހާ ގިނަ ލަނޑުތަކެއް ކާމިޔާބުކުރެވޭނެ ކަމަށް. އަހަރެންނަށް މިކަން ކުރެވުނީ ޓީމުގައި ހުރި ފެންވަރާއި އަހަރެންގެ ފެންވަރު ރަނގަޅުކަމުން. މިހާރު ދެން ބޭނުންވަނީ ބޮޑު ލީގަކަށް ކުޅެން،" ފަލްކާއޯ ބުންޏެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް މިހާރު ހުރީ ގައުމީ ޓީމާއެކު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އަމިއްލަ ގައުމު ތަމްސީލުކުރުމަށްޓަކައި އާޖެންޓީނާގަ އެވެ.