12 Apr 2017, 14:48
އިމާރާތްކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިމާރާތްކުރުމާ ބެހޭ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހަޅާފައިވާ އިމާރާތާ ބެހޭ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ 44 ވޯޓާ އެކު އެވެ. އަދި ބަލައިގަންނަން ނުފެންނަ ކަމަށް 17 ވޯޓު ދެއްވި އެވެ.
އިމާރާތާ ބެހޭ ބިލުގައި ފަރުމާކޮށްފައި ވަނީ ގާނޫނާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެގޮތުން 50،000 އާއި އެއް މިލިއަން ރުފިޔާއާ ދޭތޭރޭ އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ގިނަ މާއްދާތަކުގައި ބަޔާންކޮށްފައިވެ އެވެ.
އިމާރާތް ބޭނުން ކުރެވޭނީ ހުއްދަ ލިބިގެން
ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާ ބެހޭ އިދާރާޔަކުން އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް އިމާރާތް ބެލެހެއްޓުމަށް ޓަކައި އިމާރާތުގައި މީހަކު ބެހެއްޓިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ވަގުތީ ގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ހުއްދައަކާ ނުލައި އިމާރާތްކުވޭނެ ހާލަތްތައް
ދުރާލާ ހުއްދަ ހޯދުމަށް ވަގުތު ނުލިބޭ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރެވޭނެ ކަމަށް އިމާރާތާ ބެހޭ ބިލުގައި ވަނީ ބުނެފަ އެވެ.
މީހެއްގެ ފުރާނަ ނުވަތަ ސިއްހަތު ރައްކާތެރި ކުރުމަށް
- މީހެއްގެ ފުރާނައަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތަކުން ސާލާމަތް ކުރުމަށް
- ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ކުއްލި ގޮތުގައި އިމާރާތްކުރަން ޖެހޭ ހާލަތްތައް