ޖިއްދާ (އޭޕްރިލް 12): ސައުދީ އަރަބިއާގައި މައްކާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެއް އިއްޔެ އަރައިފި އެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނާ ގޮތުގައި އެތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޖިއްދާ، ރިޔާދު، މައްކާ، މަދީނާ، ގަސީމް އަދި އިރުމަތީ ޕްރޮވިންސުތަކަށެވެ.

އެސަރަހައްދުތަކަށް ގަޑިއަކު 35 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހުނު އިރު، އޭގެ ސަބަބުން ދުރު ފެންނަ މިންވަރު ކުޑަވެ، ޓްރެފިކް ހުއްޓުމަކަށް އައިކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެތޫފާނުގެ ސަބަބުން މައްކާގެ ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ސައުދީ ޖެނެރަލް އޮތޯރިޓީ އޮފް މީޓިއޮރޮލޮޖީ އެންޑް އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން (ޕީއެމްއީ)އާ ހަވާލާދީ އަރަބް ނޫހުގައިވާ ގޮތުން މާދަމައާ ހަމައަށް ތޫފާން އަރަމުން ދާނެ އެވެ. އަދި އޭގެ ފަހުން ތޫފާނުގެ ބާރު ދަށް ވާނެ އެވެ.