ކޮކާ-ކޯލާ ލޯންގް ރަން 2017ގެ ބައިވެރީންނަށް ޚާއްސަކޮށްގެން އެލައިޑް އިންޝުއަރަންސުން އެއް މިލިއަން ރުފިޔާގެ އިންޝުއަރަންސް ޕެކޭޖެއް، އެ ހަރަކާތް އިންތިޒާމްކުރާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އަށް ހަދިޔާކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ، މި ރޭހުގެ އިންޝުއަރަންސް ޕާޓްނަރަކީ މިފަހަރުވެސް އެލައިޑް އިންޝުއަރަންސެވެ. މިއީ އެލައިޑުން މި އިވެންޓުގައި ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ.

"ގްރޫޕް ޕާރސަނަލް އެކްސިޑެންޓް"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި އިންޝުއަރެން ޕޮލިސީ ޓީއެފްޖީއާ ހަވާލުކޮށްދެއްވީ، އެލައިޑް ކޯޕަރޭޓް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒީ މުޙައްމަދެވެ. ޓީއެފްޖީގެ ފަރާތުން ޕޮލިސީއާ ހަވާލުވެލެއްވީ އެ ކުންފުނީގެ ސީއީއޯ ހުސައިން ޒިނާނެވެ.

މި އަހަރުގެ ލޯންގް ރަންގައި ފަސް ކެޓަގަރީއެއްގައި ޖުމުލަ 804 ބައިވެރީން ވާދަކުރާ އިރު، މިއިން ބައިވެރިއަކަށް ދުވުމުގެ ތެރޭގައި ދިމާވާ ހާދިސާއަކުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ އަދި އެނދުމަތިކޮށްގެންނާއި ނުކޮށް ދެވޭ ސިއްހީ ފަރުވާތަކަށް އެލައިޑްގެ ޖީޕީއޭ ޕޮލިސީން ކަވަރޭޖް ލިބޭނެއެވެ. އަދި މީގެ އިތުރުން، އިވެންޓުތެރޭގައި ދިމާވާ ހާދިސާއަކުން ދުވުންތެރިއަކު މަރުވުން ފަދަ ހާދިސާއެއް މެދުވެރިވިޔަސް މި ޕެކޭޖުން ކަވަރޭޖް ލިބޭނެއެވެ.

އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒީ ވިދާޅުވީ، އެ ކުންފުނިން ޓީއެފްޖީ ކޮކާ-ކޯލާ ލޯންގް ރަންގައި ބަވެރިވާން ނިންމީ، "ހެލްދީ ލައިފް ސްޓައިލެއް ޕްރޮމޯޓް ކުރުމަށް" ޓީއެފްޖީން ކުރިއަށް ގެންދާ ހަރަކާތަކީ އެލައިޑާވެސް ވަރަށް ބޮޑަށް ގުޅޭ ހަރަކާތަކަށް ވާތީ ކަމަށެވެ.

"މި ޕޮލިސީގެ ޓޯޓަލް ކަވަރޭޖަކީ އެއް މިލިއަން. އެއީ ކޮންމެ ދުވުންތެރިއަކަށް 10،000 ރުފިޔާގެ ކަވަރޭޖެއް،" ރިޔާޒީ ވިދާޅުވިއެވެ.

"ޓީއެފްޖީން މެދުކެނޑުމެއް ނެތި ކާމިޔާބުކަމާއެކު ލޯންގް ރަން ބާއްވަމުން ގެންދާތާ ފަސް އަހަރު ފުރުމާ ގުޅިގެން އަޅުގަނޑުމެން އެލައިޑްގެ ނަމުގައި ޓީއެފްޖީއަށް ތަހްނިޔާ ދަންނަވަން."

ޕޮލިސީ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ޒިނާން ވިދާޅުވީ، ޓީއެފްޖީން 2013 ވަނަ އަހަރު ފުރަތަމަ މިހަރަކާތް ފެށީ 200 ބައިވެރީންނާ އެއްކޮށް ކަމަށާއި އަދި 2014 ވަނަ އަހަރުން ފެށިގެން އެލައިޑް އިންޝުއަރެންސަކީ މި ހަރަތާކުގެ ޕާޓްނަރެއް ކަމަށެވެ.

"ލޯންގް ރަންގެ މައިގަނޑު މަގްސަދަކީ، މުޖްތަމައު ތެރޭގައި ދުޅަހެޔޮ ސިއްހަތެއްގައި މީހުން އުޅުމާއި ހަށިހެޔޮކަން އާލާކޮށް ދިރުވުން،" ޒިނާން ވިދާޅުވިއެވެ.

އެންމެނަށްވެސް ބައިވެރިވެވޭ ރަނގަޅު ދުވުމެއް ބޭއްވުމުގެ މަގުސަދުގައި މީގެ ފަސްއަހަރު ކުރީން ޓީއެފްޖީން ފެށި މި ހަރަކާތަކީ، ބައިވެރީންގެ މެދުގައި ވަނަތައް ހޮވުމުގެ ބަދަލުގައި މި ރޭހުގައި ބައިވެރިވާ އެންމެނަށް ވެސް، އެފަދަ ރޭހެއް ނިންމުމުގެ އުފާ ހާސިލްކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޒިނާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީގެ ފަސްއަހަރު ކުރީން ފެށި މި ދަތުރުގައި އެލައިޑުން އަޅުގަނޑުމެންނަށް ވެދެއްވާފައި ވަނީ ވަރަށް ވަރަށް ބޮޑު އެހީތެރިކަމެއް. ޚާއްސަކޮށް ދުވުމުގައި ބައިވެރިވާ ދުވުންތެރީންގެ އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުން،" ޒިނާން ވިދާޅުވިއެވެ.

މިފަހަރު ލޯންގް ރަންގެ ބައިވެރީންގެ އަތުން ރެޖިސްޓްރޭޝަން ފީއެއް ނަގާފައި ވާއިރު، މެރަތަން ދުވުންތެރިއަކަށް 35 ޑޮލަރު، ހާފް މެރަތަން ދުވުންތެރިއަކަށް 30 ޑޮލަރު ނަގާފައި ވެއެވެ. ދިހަ ކިލޯ މީޓަރު އަދި ފަސްކިލޯމީޓަރު ދުވުންތެރިން އަތުން ފީއެއްގެ ގޮތުގައި 25 ޑޮލަރު ނަގާފައި ވާއިރު ފަސް ކިލޯމީޓަރު ދުވުންތެެރީން ދައްކަން ޖެހުނީ 20 ޑޮލަރެވެ.

ހުޅުމާލޭގައި ބާއްވާ މި ރޭހުގައި ދުވުންތެރިން ވާދަކުރާ ކެޓަގަރީތައް ފަށާ ގަޑިތައް ތަފާތެވެ. މެރަތަން ދުވުން ހުކުރު ވިލޭރޭ ދަންވަރު 3:20ގައި ފެށޭއިރު، ހާފް މެރަތަން ފެށޭނީ ފަތިހު 6:20ގައެވެ. ދިހަ ކިލޯ މީޓަރު ދުވުން ހެނދުނު 7:20ގައި ފެށޭ އިރު، ފަސް ކިލޯމީޓަރު ދުވުން ފެށޭނީ ހެނދުނު 8:20ގައެވެ.