12 Apr 2017, 13:08
އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު މީހަކަށް ތަނަކަށް ނުވަތަ މުދަލަކަށް ގެއްލުންވެއްޖެ ނަމަ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށް އެކުލަވާލައި އިމާރާތާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހަޅާފައިވާ އިމާރާތާ ބެހޭ ބިލުގެ 50 ވަނަ މާއްދާގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ ތެރޭގައި ނުވަތަ އިމާރާތް މަރާމާތު ކުރުމުގެ ތެރޭގައި ވެސް މީހަކަށް ތަނަކަށް ނުވަތަ މުދަލަކަށް ނުވަތަ ވަށައިގެންވާ ވެއްޓަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށެެވެ.
އަދި މީހުންނަށް ގެއްލުންވާ ގޮތަށް އަމަލުކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލަ ބަލައި 50،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް އެގޮތަށް ޖޫރިމަނާ ކުރާއިރު ކުރެވެނީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތް ކަމެއް ނުވަތަ ގޭގެ ވެރިމީހާ ކަމެއް ބިލުގައި ސާފުކޮށް ބުނެދީފައެއް ނުވެ އެވެ.
ނުރައްކާވާ ގޮތަށް އިމާރާތްކުރާނަމަ އަޅާ ފިޔަވަޅުތައް
- ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ކުރިމަތިވުން ގާތްނަމަ އިމާރާތްކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން އެންގުން
- ނުރައްކަލުން ސަލާމަތްވާނެ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް އިމާރާތުގެ ވެރިފަރާތައް އެންގުން
- މަސައްކަތް ރަނގަޅުކޮށްގެން ކުރިއަށް ގެންދަން ފެންނަ ނަމަ އެކަމަށް ހުއްދަ ދިނުން
- މަސައްކަތް ކުރިއަށް ގެންދަން ނުފެންނަ ނަމަ އެކަން އެންގުން
އޭގެ އިތުރުން ވެސް ބޮޑެތި އަދަދުތަކުން ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭގޮތަށް ބިލުވަނީ ފަރުމާކޮށްފަ އެވެ. އެގޮތުން ދީފައިވާ ހުއްދައާ ހިލާފަށް އިމާރާތްކުރާ ނަމަ 50،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވަނީ ބުނެފަ އެވެ.
އިމާރާތް ބޭނުން ކުރެވޭނީ ހުއްދަ ލިބިގެން
ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާ ބެހޭ އިދާރާޔަކުން އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް އިމާރާތް ބެލެހެއްޓުމަށްޓަކައި އިމާރާތުގައި މީހަކު ބެހެއްޓިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ވަގުތީ ގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ހުއްދައަކާ ނުލައި އިމާރާތްކުވޭނެ ހާލަތްތައް
ދުރާލާ ހުއްދަ ހޯދުމަށް ވަގުތު ނުލިބޭ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރެވޭނެ ކަމަށް އިމާރާތާ ބެހޭ ބިލުގައި ވަނީ ބުނެފަ އެވެ.
މީހެއްގެ ފުރާނަ ނުވަތަ ސިއްހަތު ރައްކާތެރި ކުރުމަށް
- މީހެއްގެ ފުރާނައަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތަކުން ސާލާމަތް ކުރުމަށް
- ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ކުއްލި ގޮތުގައި އިމާރާތްކުރަން ޖެހޭ ހާލަތްތައް
ދިވެހިންނަށް އިސްކަންދީ
މިހާރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރާކާތްތެރިވަނީ ގިނައިން ބިދޭސީންނެވެ. ނަމަވެސް އިމާރާތް ކުރުމުގެ މަސައްކަތް މީހުންނާ ހަވާލުކުރާއިރު ދިވެހިންނަށް އިސްކަން ދިނުމަށް ބިލުގައި ވަނީ ބާރު އަޅާފަ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން އެކަމުގެ ބޭނުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި ރާއްޖޭގައި ކުރެވޭ މަސައްކަތަކީ ދިވެހިންގެ ހުނަރު އެކުލެވޭ މަސައްކަތަކަށް ހެދުން ކަމަށެވެ.
އޭގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ގާބިލު ދިވެހިންނަށް ފުރުސަތު ދިނުމާއި، އެ ރަށެއްގައި ހުރެގެން މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ފޯރުކޮށް ދިނުމަކީ ވެސް އޭގެ މަގުސަދެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ދިވެހިންނަށް ފުރުސަތު ދިނުމުން ހާސިލްވާނެ ކަންކަން
- ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ބޭރު ފައިސާގެ ނިސްބަތް ހިފެއްހެއްޓި މަތިވުން
- ރާއްޖޭގައި މަސައްކަތަ ކުރާ ގިނަ ބަޔަކަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެން ދިޔުން
އިމާރާތާ ބެހޭ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު 1:30ގައި ވޯޓަށް އަހާނެ އެވެ.