12 Apr 2017, 12:57
މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ޓީސީ ކުޅޭ މެޗުގައި އެޓީމު ނުކުންނާނީ އިދިކޮޅުގައި އޮތީ ވިކްޓަރީކަން ދަނެގެން އެކަމަށް ވިސްނައިގެން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ބުނެފިއެވެ.
ވިކްޓަރީ އަދި ޓީސީ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗު ނިޒާމްބެ ބުނީ ވިކްޓަރީގައި ތިބީ، ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި އެޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"ލީގުގައި މިހާތަނަށް ކުޅުނު މެޗު ތަކާއި މި މެޗު ވަރަށް ތަފާތުވާނެ. ވިކްޓަރީގައި މިތިބީ ތަޖުރިބާކާރު ކުޅުންތެރިން، އެހެންވީމަ ޓީސީން އެކަމާ ސަމާލުވާން ޖެހޭނެ،" ނިޒާމްބެ ބުންޏެވެ.
ނިޒާމެބް ބުނީ ވިކްޓަރީ މެޗަކީ ޓީސީ ކުރިއަށް ދިޔުމަށް މުހިއްމު މެޗެއް ކަމަށާއި ކުޅުންތެރިންގެ މޯޓީވޭޝަން ހިފެހެއްޓުމަށްވެސް މި މެޗަކީ މުހިއްމު މެޗެއް ކަމަށެވެ. ލީގުގެ މިހާ ހިސާބުން މީގެ ކުރިން ދައްކަމުން އައި ނަތީޖާތައް ހިފަހައްޓަންޖެހޭ ކަމަށާއި އެހެން ނޫނީ ގަދަ ހަތަރަކަށް އަރަން އޮތް ފުރުޞަތު ގެއްލޭނެެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
ޓީސީ މިހާތަނަށް ކުޅުނު މެޗު ތަކުގެ ތެރެއިން އެޓީމު ވަނީ ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ޖުމުލަ 6 ޕޮއިންޓް ހޯދައިފައެވެ. ޓީސީ އަދި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިރޭ 21:00ގައެވެ.