12 Apr 2017, 13:01
ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް ފާޑު ކިޔަމުންދާތީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ރާއްޖެ އިން ގެންދަނީ ޑިމޮކްރަސީގެ އަސާސުތައް ތަންފީޒުކުރަމުން ކަމަށާއި ރާއްޖޭގައި ޑިމޮކްރަޓިކް މުއައްސަސާތައް ވެސް އެބަހުރި ކަމަށެވެ.
"ރާއްޖޭގައި އެބަހުރި ޖުޑީޝަރީ ފަދައިން، ރަނގަޅުކުރަންވީ ކަންކަން. އެހެންގައުމުތަކުން ޑިމޮކްރަސީގެ އަސާސުތައް ތަންފީޒުކުރާ ވަރަށް ވުރެ ރާއްޖެއިން މިކަމުގައި މާ ބޮޑަށް މިތިބީ ކުރިއަރާފައި،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ރާއްޖޭގައި ވަރަށް އެކްޓިވް ސޯޝަލް މީޑިއާއެއްގެ އިތުރުން، ސިޔާސީ ކަންކަމުގައި ޒުވާނުން އުޅޭ މިންވަރު ވެސް އިތުރުވެއްޖެ ކަމަށާއި ރާއްޖޭގައި ތަރައްގީގެ ކަންކަން ކުރިޔަށް ދަނީ ވިޔަފާރީތަކަށް ކުރިއެރުން ލިބޭނެ ފަދަ ވިސްނުމަކުން ކަމަށެވެ.
އޭނާ ވިދާޅުވީ 2008ގެ ކުރިން ރާއްޖޭގައި އޮތީ "ޑިކްޓޭޓާރޝިޕެއް" ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ކުށްވެރިކޮށް ބަޔާން ނެރެ ނޫޅޭ ކަމަށެވެ.
"ޚާއްސަކޮށް ޔޫއެންޑީޕީ ވެސް ރާއްޖޭގައި އޭރު ވެސް އުޅުނު އިރު، އެފަރާތުން ރާއްޖޭގައި ހިއުމަން ރައިޓްސްއާއި ޑިމޮކްރަސީ ކުރިއަރުވަން އުޅުނު މަންޒަރެއް ނުފެނޭ. އެކަމަކު މިހާރު ރާއްޖެ ތަރައްގީގެ މަގުގައި ހިނގައިގަތުމުން ކުއްލިއަކަށް މިފަދަ ބަޔާންތައް ނެރެ ހަދާތީ، އެ ފަރާތްތަކުގެ އިޚްލާސްތެރިކަމާ މެދު އަޅުގަނޑުމެން ސުވާލު އުފައްދަން،" އެމްއެންސީސީގެ ފަރާތުން އެ ޖަމިއްޔާގެ ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަމުގެ ވެސް ދެފަރާތެއް ވާ ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން ދެފަރާތުގެ އަޑު ވެސް ހަމަހަމައަށް އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީ އެކި ގައުމުތަކުގައި ހިނގަނީ އެކި ގޮތްގޮތަށް ކަން ފާހަގަ ކުރައްވަމުން އާސިފް ވިދާޅުވީ، ރާއްޖޭގައި ވެސް އޮތީ ރާއްޖެއަށް ޚާއްސަކޮށް ބައްޓަންވެފައިވާ، ރާއްޖޭގެ އަމިއްލަ ޑިމޮކްރަސީއެއް ކަމަށާއި މި އަސާސުތައް ތަންފީޒުކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.
އާސިފް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ފާޑު ކިޔައި ބަޔާން ނެރުމާ މެދު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކަންބޮޑުވަނީ، ސިޔާސީ ކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ވިޔަފާރިވެރިންނަށް ކަމަށް ވާތީ ކަމަށެވެ.
"މީގެ ކުރިން ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅިގެން ޔޫރަޕަށް ރާއްޖޭގެ ކަނޑުމަސް އެކްސްޕޯޓުކުރުން ހުއްޓުވި. މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ބޯއިކޮޓުކުރަންވެސް ބަޔަކު ގޮވާލަމުން ދިޔަ. މި ހުރިހާ ސިޔާސީ ކަމަކުން ފަށައި، އެކަމުގެ އަގު އަދާކުރަންޖެހެނީ ވިޔަފާރިވެރިން،"
އާސިފް ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއަށް ފާޑު ނުކިޔައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެހީތެރިވުމަށް ގޮވާލައިފަ އެވެ.
"ފާޑުކިޔުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ. މި ފުރުސަތު އަޅުގަނޑުމެން ވާނީ ހުޅުވާލާފައި،" އާސިފް ވިދާޅުވި އެވެ.