އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑުން ފަސް ވަނަ ކުޅުންތެރިއެއް ޓީމަށް ގެންގޮސް ޓްރާންސްފާ މާކެޓްގައި އެންމެ ޚަރަކާތްތެރި ކްލަބަށް ވެއްޖެއެވެ.

ރެއާލް މެޑްރިޑަށް މިފަހަރު ގެންދިޔަ ކުޅުންތެރިޔަކީ ބެންފިކާއަށް ކުޅެމުންއައި ފަބިއޯ ކޮއެންޓްރާއޯ އެވެ. ކޮއެންޓްރާއޯ ރެއާލްއަށް ގެނެސްފައިވަނީ 27 މިލިޔަން ޕައުންޑަށެވެ.

ރެއާލް މެޑްރިޑްގެ މެޑިކަލް ޓެސްޓްގައި ބައިވެރިވެ އުމުރުން 23 އަހަރުގެ ޑިފެންޑަރު އިއްޔެވަނީ ރެއާލް މެޑްރިޑަށް ސޮއިކޮށްފައިވާކަން ބެންފީކާއިން ވެސް ކަށަވަރުކޮށްދީފަ އެވެ. ހަތަރު އަހަރުގެ މުއްދަތެއްގައި ބެންފީކާގެ ކުޅުންތެރިއެއްގެ ގޮތުގައި ކޮއެންޓްރާއޯ ހުރިނަމަވެސް ލޯންގެ ދަށުން ތިންކ ްލަބަކަށް ކުޅެފައިވެއެވެ.

ރެއާލްއިން އަންނަ ސީޒަނަށް ވަރުގަދަކުރުމުގެ ގޮތުން ގެނައި ފަސް ކުޅުންތެރިންވެސް ފާހަގަވެގެންދަނީ ޒުވާން ކުޅުންތެރިންގެ ގޮތުގައެވެ. ރެއާލްއަށް އަންނަ ސީޒަނަށް ދެ ޑިފެންޑަރުންނާއި، ދެ މިޑްފީލްޑަރުންނާއި އަދި ފޯވާޑަކު ގެނެސްފައިވާކަން ފާހަގަކޮށްލެވެ އެވެ.