ވިކްޓަރީ ސްޕޯޓްސް ކުލަބް މިވީ މުއްދަތުގައި އެކްލަބުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ ކަމަށާއި ދެން ބޭނުންވަނީ ރަނގަޅު އެއް މޮޅު ކަމަށް އެ ކުލަބުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ، ވިކްޓަރީ އޮތް ހާލަތު ވަރަށް ބޮޑުތަން ބަދަލުވެއްޖެ ކަމަށާއި އަލުން ރަނގަޅު ހިސާބަކަށް ދިއުމަށް ބޭނުންވަނީ މޮޅެއް ކަަމަށެވެ.

"ވިކްޓަރީ އޮތް ހާލަތުން އަރައިގަތުމަށް ޓީސީ އަތުން ތިން ޕޮއިންޓް ވަރަށް މުހިއްމު،" ސުޒޭން ބުންޏެވެ.

އޭނާ އިތުރަށް ބުނީ، މީގެ ދުވަސްކޮޅެއް ކުރިން ވިކްޓަރީއަށް ދިމާވި މައްސަލަތައް ވަރަށް ބޮޑުތަން ހައްލުވެ، ޓީމަށް ދިމާވި ފިޓްނަސް މައްސަލަވެސް ބޮޑުތަން ހައްލުވެއްޖެ ކަމަށެވެ. އަދި މިރޭގެ މެޗުގައި ނަތީޖާ ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި ލީގުގެ ދެވަނަ ބުރު ފަށާއިރު މަދުވެގެން ދިހަ ޕޮއިންޓް ހޯދަންޖެހޭ ކަމަށެވެ.

ޓީސީއާ ބެހޭގޮތުން ވާހަކަދައްކަމުން ސުޒޭން ބުނީ، ޓީސީ އޮތީ ވަރަށް ރަނގަޅަށް މޯޓީވޭޓްވެފައި ކަމަށާއި މިރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އަދި އިތުރަށް އޭނާ ބުނީ، ޓީސީ އަތުން ކޮންމެހެންވެސް މޮޅުވާންޖެހޭ ކަމަށާއި މުޅި ޓީމު މަސައްކަތް ކުރާނީ އެއް އަޒުމެއްގައި މޮޅެއް ހޯދުމަށް ކަމަށެވެ.

މާލޭ ލީގުގައި ވިކްޓަރީ ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ވަނީ ގްރީން ސްޓްރީޓާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުންވެސް ބަލިވެފައެވެ. ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލީ އެއްވަރުވެގެންނެވެ.

ޓީސީއާއި ވިކްޓަރީ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ޓީސީ ވަނީ ލީގުގައި އެޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ.