ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ޝޫޓިންގ ދިގުދެމިގެން ގޮސްފައިވާ ފިލްމު، 'ޖައްގާ ޖާސޫސް' އަންނަ ޖުލައި މަހު ރިލީޒް ކުރެވޭނެ ކަމަށް ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރު ބުނެފި އެވެ.

ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ފިލްމު ނިންމަން ޖެހޭ ތާރީޚަށް ފިލްމުގެ މަސައްކަތްތައް ނުނިމި ދިގު ދެމިގެން ދިޔައީ އެވެ. އަދި ފިލްމު ރިލީޒް ކުރެވޭނެ ތާރީޚަކާ މެދު ވެސް ސުވާލު އުފެދުނީ އެވެ.

ކެޓްރީނާ އާއި ރަންބީރުގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ހިސާބުން، ފިލްމުގެ ޝޫޓިން ނިންމަން ޖެހޭ ތާރީޚަށް ނުނިމުމުގެ ސަބަބުން ވެސް ފިލްމު ރިލީޒް ކުރުން ވަނީ އެތައް ފަހަރެއްގެ މަތިން ފަސް ކޮށްފައެވެ. އެންމެ ފަހުން ފިލްމު ރިލީޒް ކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރީލް މަހަކީ ސްކޫލްތަކާއި ކޮލެޖްތަކުގެ އިމްތިހާނު އޮންނަ ދުވަސްވަރު ކަމަށާއި އެހެންކަމުން ފިލްމު ބަލަންދާ މީހުންގެ އަދަދު މަދުވާނެތީ ފިލްމު ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ.

ފަހުގެ ޚަބަރުތައް ބުނާގޮތުން، އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ވަނީ ނިންމައިފައެވެ. މިހާރު ވަނީ އެ ފިލްމުގެ އެންމެ ފަހުގެ މަންޒަރުތައް ވެސް ޝޫޓުކޮށް ނިންމައިފައެވެ.

ނަމަވެސް ޖުލައި 17 ވަނަ ދުވަހު އިތުރު ތިން ފިލްމެއް ވެސް ރިލީޒް ކުރަން ވަނީ ހަމަޖައްސައިފައެވެ. އެއީ ސައިފް އަލީ ޚާންގެ ފިލްމު 'ޝެފް'، ޝްރައްދާ ކަޕޫރުގެ 'ހަސީނާ' އަދި ސްރީދޭވީގެ 'މޮމް' އެވެ.

އަނޫރާގް ބާސޫ ޑައިރެކްޓު ކުރާ 'ޖައްގާ ޖާސޫސް' އަކީ ރަންބީރު (ޖައްގާ) ގެ ބައްޕަގެ ގާތިލް ހޯދުމަށް އޭނާ އާއި އޭނާގެ ލޯބިވެރިޔާ ކެޓްރީނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމު ރިލީޒް ކުރުން ލަސްވި ނަމަވެސް، 'ޖައްގާ ޖާސޫސް' އަކީ ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމަށް އަނޫރާގް ވަނީ ބުނެފައެވެ.

ރަންބީރު އަދި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ އެ ފިލްމުގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.