12 Apr 2017, 10:32
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ. އެކުށް ގާސިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަދަކީ އަށް އަހަރަށް ޖަލަށް ލުމެވެ.
އޭގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ 540 ވަނަ މާއްދާގެ ދަށުންނެވެ. މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.
ގާސިމްގެ މައްޗަށް މީން ކޮންމެ ދައުވާއެއް ސާބިތުވިޔަށް މިހާރު މަޖިލީހުގައި ގާސިމް ތަމްސީލު ކުރަމުންދާ މާމިގިލީ ދާއިރާގެ މަޖިލިސް ގޮނޑި ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ގާސިމްގެ މައްސަލަ މީގެ ކުރިން ޕީޖީ އޮފީހަށް ފޮނުވުމުން އެމައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ފަހުން ޕީޖީއަށް އެ މައްސަލަ ފޮނުވީ ކޮންއިރަކު ކަމެއް ނޭނގެ އެވެ.
ގާސިމް މިހާރު ހުރީ ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ. ގާސިމްގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮއްވައި އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށެވެ.