12 Apr 2017, 10:27
ގާނޫނު ތަންފީޒު ކުރަމުންދިޔަ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލައިފި އެވެ.
ޕީޖީ އޮފީހުން ވަނީ ރިޔާޒުގެ މައްޗަށް ދައުވާ އުފުލާފައިވާ ކަން 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.
ބެލެވޭ ގޮތުން އަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒު ކުރަމުން ދިޔަ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އުފުލާފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން ފޯނު ނުހުޅުވި މައްސަލައިގަ އެވެ.
އަބްދުﷲ ރިޔާޒު ގެންގުޅުއްވަނީ އައިފޯނެކެވެ. އޭނާ ވިދާޅުވީ ފޯނަކީ އަބަދު ވެސް ނިވާނުލާ ގެންގުޅޭ ފޯނެއް ކަމަށާއި ފޯނު ނިވުމުން ފިންގާ ޖަހައިގެން ފޯނު ނުހުޅުވޭނެ ކަމަށެވެ. އައި ޕާސްވޯޑް ހަނދާން ނެތް ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ރިޔާޒުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިއްޔެ އެވެ.