12 Apr 2017, 10:10
މޮސްކޯ (އެޕްރީލް 12) : އެމެރިކާ އިން ސޫރިޔާއަށް ހަމަލާދިނުމަށް މަގުފަހި ކުރުމަށް ޓަކައި ނުރައްކާތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ތުހުމަތު ކުރައްވައިފި އެވެ.
ރަޝިޔާއަށް ވަޑައިގެން އުޅުއްވާ އިޓަލީގެ ރައީސް ސާގިއޯ މަތަރީލާ އާ ކްރެމްލިންގައި ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޕޫޓިން ވިދާޅުވީ އެމެރިކާ އިން ގައުމަކަށް އަރައިގަންނަން ބޭނުންވެއްޖެ ނަމަ އަދި ގައުމަކަށް ހަމަލާދޭން ބޭނުންވެއްޖެ ނަމަ އެކަންކުރަނީ ވަރަށްބޮޑަށް ރާވައިގެން އޮޅުވާލައިގެން އެގައުމެއްގެ ބޮލުގައި ދޮގު ތުހުމަތުތަކަކާއި އިލްޒާމްތަކެއް އަޅުވައިގެން ކަމުގަ އެވެ.
ދާދިފަހުން އެމެރިކާ ސޫރިޔާއަށް ކްރޫޒް މިސައިލުން ހަމަލާދިނީ ސޫރިޔާ އިން އެގައުމުގެ އާންމުންނަށް އަމާޒުކޮށް ކެމިކަލް ގޭހުގެ ހަމަލާއެއްދިން ކަމަށް ތުހުމަތުކުރުމަށްފަހުގައި ކަމަށާއި ނަމަވެސް އެއީ އެހަމަލާގެ ފަހަތުގައި އެމެރިކާ ނޫނީ އެމެރިކާ އާ ގުޅިފައިވާ ފަރާތެއް ވެދާނެ ކަމަށް ޝައްކުކުރެވޭ އެތައް ކަމަށް އެކަމާ ގުޅިގެން ރަޝިޔާ ހޯދަމުންގެންދާ ހޯދުންތަކުން ހާމަވަމުންދާ ކަމުގަ އެވެ.
ޕޫޓިން ވިދާޅުވީ އެމެރިކާ ނޫނީ އެމެރިކާ އަށް ވާގިވެރިވާ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި ބައެއްބާވަތުގެ ތަކެތި ހަރުކޮށް ބައެއް ބައެއް އަމަލުތައް ހިންގުމަށް ފަހު އެކަންކުރީ ސޫރިޔާ ސިފައިންކަމަށް ބުނެ އޮޅުވާލުމުގެ އެތަށް އަމަލުތަކެއް މާޒީގައި ހިންގާފައިވާ ކަމުގަ އެވެ. މިއީ އެމެރިކާ އެގައުމުގެ ސިޔާސަތު ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރާކަންތަކެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ސޫރިޔާގެ އިދިކޮޅު ބައެއް ޖަމާއަތްތަކުގެ އަތުގައި ކެމިކަލް ހަތިޔާރު ހުންނާނެ ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ޝައްކުކުރެ އެވެ. އަދި 2012 ގައި ސޫރިޔާއިން ކެމިކަލް ހަތިޔާރު ނައްތާލާފައިވީ ނަމަވެސް ސޫރިޔާގައި އަދިވެސް ކެމިކަލް ހަތިޔާރު ހުރުމަކީ ދުރުކަމެއްނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ޕޫޓިން ވިދާޅުވީ އެމެރިކާ އިން މިހާރު ސޫރިޔާއަށް ހަމަލާދޭން ބޭނުންވާ ކަމަށާއި އެކަން ތަންފީޒު ކުރުމުގެ ފުރްސަތު ހޯދުމުގެ ގޮތުން ސޫރިޔާ ސަރުކާރާއި ސޫރިޔާ ސިފައިންގެ ބޮލުގައި ކަންކަން އަޅުވައި ދޮގު ތުހުމަތުތަކެއް ކުރުމަށް އެމެރިކާ ވަރަށް ބޮޑަށް ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު ރަޝިޔާއަށް ލިބެމުންދާ ކަމުގަ އެވެ.
ސޫރިޔާގެ ޚާން ޝައިޚޫން އަށް ދާދިފަހުން ކެމިކަލް ގޭހުގެ ހަމަލާއެއްދިނީ ގޮތް ނޭންގޭ އަސްކަރީ ބޯޓަކުންނެވެ. އެއީ އެމެރިކާގެ ބޯޓަކަށް ވެދާނެކަމަށް ރަޝިޔާއާ ސޫރިޔާއިން ޝައްކުކުރާއިރު އެމެރިކާވަނީ އެކަމުގެ މަސްއޫލިއްޔަތު އަވަސް އަވަހަށް ސޫރިޔާ ސަރުކާރުގެ ބޮލުގައި އަޅުވައި އެކަމަށް ބަދަލު ހިފުމުގެ ގޮތުން ސޫރިޔާއަށް ތޯމަހޮކް މަރުކާގެ ކްރޫޒް މިސައިލުން ހަމަލާތަކެއްދީފަ އެވެ. އަދި ވެސް ސޫރިޔާއަށް މިފަދަ އެތައް ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ ދެއްވަމުންނެވެ.
ހަމަލާދިނުމަށް މަގުފަހި ކުރުމަށް ޓަކައި ނުރައްކާތެރި ރޭވުންތަކެއް އެމެރިކާ ރާވަމުންދާ ކަމަށާއި އެމެރިކާއަކީ އެގައުމު ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެފަދަ އަމަލެއް ވެސް ހިންގަފާނެ ގައުމެއްކަމަށް ޕޫޓިން ވިދާޅުވި އެވެ. އެމެރިކާއަކީ އިރާގަށް އަރައިގަތުމަށް މަގުފަހި ކުރުމަށް ޓަކައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ބޮޑެތި ދޮގުތަކެއް ބައިނަލްއަގްވާމީ ފެންވަރުގައި ހަދާފަ އެވެ.
ސޫރިޔާގެ ޚާން ޝައިޚޫން އަށް ދާދިފަހުން ކެމިކަލް ގޭހުގެ ހަމަލާގައި 71 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށް ގެއްލުންތައް ލިބިފައިވެ އެވެ. މި ހަމަލާގެ ފަހަތުގައިވާ ފަރާތެއް އެއްވެސް ތަހްގީގަކުން ހާމަވެފައެއް ނުވެ އެވެ. އެމެރިކާގެ ނުރައްކާތެރި ރޭވުންތަކާ ބެހޭ ގޮތުން ޕޫޓިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއަށް ބަހުގެ ހަމަލާތައް ދެއްވާފައިމިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ރަޝިޔާއަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅާ ދިމާކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރުވަނީ ބައިނަލްއަގްވާމީ ޓެރަރިޒަމަށް ވާގިވެރިވާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކުރައްވާފަ އެވެ. މިމައްސަލާގައި އެމެރިކާގެ މަސްއޫލުވެރިންވަނީ ރަޝިޔާ ދެކެ ވަރަށްބޮޑަށް ކޯފާވެފަ އެވެ. (ނޫސްއެޖެންސީތައް)