12 Apr 2017, 09:06
ޕެނަލްޓީ ޝޫޓްއައުޓްގައި ނާލާފުށި ބަލިކޮށް، މިނިވަން ޗެމްޕިއަންޝިޕްގެ މުލަކުއަތޮޅުގެ ޗެމްޕިއަންކަން މުލަކުން ހޯދައިފިއެވެ.
މ. މުލަކުގައި އިއްޔެ ހަވީރު ކުޅުނު މ. އަތޮޅު ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ޕެނަލްޓީގައި ނާލާފުށި އަތުން މުލަކު މޮޅުވެފައިވަނީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރިހަމަ ވަގުތަށްފަހު ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މުލަކުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް އަރީފާއި، މުހައްމަދު ހުސައިންއާއި، ހުސައިން އާތިފް އަދި އަލީ ޝަހީމެވެ. ނާލާފުށީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މާހިދުއާއި އަލީ އަޒްމީލްއެވެ.
މުލަކުން ދެން ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. އެ ބުރުގައި މުލަކުގެ އިތުރުން ދެން ވާދަކުރާނީ ވ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމު ކަމަށްވާ ފުލިދުއާއި، ފ. އަތޮޅުގެ ޗެމްޕިއަން ބިލެއްދޫ އަދި ދ. އަތޮޅުގެ ޗެމްޕިއަނުންންނެވެ. ދ. އަތޮޅުގެ ޗެމްޕިއަން ޓީމު ކަށަވަރުވާނީ އެ އަތޮޅު ބުރުގައި މިއަދު ހަވީރު މީދުއާއި ކުޑަހުވަދޫ ބައްދަލުކުރާ މެޗަށްފަހުއެވެ.