މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަންހެން ފަންނާނުންނަށް، އެކަކު އަނެކަކާ އެކު ގާތް އެކުވެރިކަމެއް ބަދަހިކޮށް، އެކުވެރިކަން ދަމަހައްޓަން ނޭނގޭ ކަމަށް ސުޕަސްޓަރ ސަލްމާން ޚާން ބުނެފި އެވެ.

ސަލްމާން އެހެން ބުނެފައި ވަނީ ބޮލީވުޑުގެ ކުރީގެ އެކްޓްރެސް، އާޝާ ޕަރޭކްގެ ބަޔޮގްރަފީ 'ދަ ހިޓް ގާލް' ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

ސަލްމާން ބުނީ ކުރީގެ ބަތަލާ އިން އަދިވެސް އުޅެނީ ވަރަށް ގާތްކޮށް ކަމަށާއި، ބައެއް ފަންނާނުން އެއް ހިސާބުގަނޑެއްގައި ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި އެއީ މިހާރު ނުފެންނަ ކަމެއް ކަމަށާއި، މިއަދުގެ ޒުވާން ފަންނާނުންގެ ކިބައިގައި އެ ކޮލިޓީ ނެތް ކަމަށެވެ.

"މިއަދުގެ ބަތަލާއިން އެބަ ޖެހޭ ކުރީގެ ޖެނެރޭޝަންތަކުގެ ފަންނާނުންގެ ކިބައިން އެކަން ދަސްކުރަން،" ސަލްމާން ބުންޏެވެ.

ސަލްމާން ވަނީ އާޝާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ. އެގޮތުން 'ދަ ހިޓް ގާލް' ފޮތް ކިޔައިފި މީހަކަށް އެ ޒަމާނުގެ ރީތި އުޅުމާއި، ސާދާ ދިރުއުޅުން އެނގިގެން ދާނެ ކަމަށާއި، އެހެންކަމުން އެއީ ކޮންމެ މީހަކު ވެސް ކިޔާލުން މުހިންމު ފޮތެއް ކަމަށް ސަލްމާން ބުންޏެވެ.

މިއަދުގެ ޒުވާން އަންހެން ފަންނާނުންނަށް ގާތް އެކުވެރިންގެ ގޮތުގައި ތިބެން ނޭނގޭ ކަމަށް ސަލްމާން ބުނެފައި ވާއިރު، ކަންގަނާ ރަނައުތު-ދީޕިކާ ޕަދުކޯން، ބިޕާޝާ ބާސޫ-ކަރީނާ ކަޕޫރު ޚާން، ކަރިޝްމާ ކަޕޫރު-ރަވީނާ ޓަންޑަން، ފަދަ ފަންނާނުންނަކީ ޖެހުނު މައްސަލަތަކުގެ ސަބަބުން ވާހަކަ ދެއްކުން ހުއްޓާލާފައިވާ ފަންނާނުން ކަން ފާހަގަ ކޮށްލެވެ އެވެ.