ދެހާސް ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ދަޅްކަން' އަލުން އުފައްދަން އުޅޭކަމުގެ އިޝާރާތެއް، އެ ފިލްމުގެ ލީޑު އެކްޓްރެސް ޝިލްޕާ ޝެޓީ ދީފި އެވެ.

ދަރްމޭޝް ދަރްޝަން ޑައިރެކްޓު ކުރި އެ ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ޝިލްޕާގެ އިތުރުން އަކްޝޭ ކުމާރު އަދި ސުނިލް ޝެޓީ އެވެ.

އެ ފިލްމު އަލުން އުފައްދަން އުޅޭ ކަމަށް ޝިލްޕާ ބުނެފައި ވަނީ މުމްބާއީގައި ކުރިއަށް ދިޔަ އިވެންޓެއްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އޭނާގެ އެއްވެސް ފިލްމެއް ނުވަތަ ލަވައެއް އަލުން އުފައްދަން ބޭނުންތޯ ސުވާލު ކުރުމުން ޝިލްޕާ ބުނެފައި އެކަމާ މެދު އޭނާ އަދި ވިސްނާފައި ނުވާ ކަމަށެވެ.

"އެއީ މުޅިން ހެސް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އަތް މަތީގައި އޮތް ކަމެއް. އެކަމަކު އަހަންނަށް ހީވަނީ ދަޅްކަން އަލުން އުފައްދަން މަސައްކަތް ކުރަމުން އަންނަ ހެން،" ޝިލްޕާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ދަޅްކަންގެ ރީމޭކްގައި، އަކްޝޭގެ ރޯލުން ފެނިގެން ދާނީ ފަވާދު ޚާން އެވެ. އަދި ސުނިލް ޝެޓީގެ ރޯލުން ފެނިގެން ދާނީ ސޫރަޖް ޕަންޗޯލީ އެވެ.

ނަމަވެސް ފިލްމުގެ ރީމޭކްގެ އެއްވެސް ވާހަކައެއް ރަސްމީ ފަރާތަކުން އަދި މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެ އެވެ.

'ބާޒިގަރް'، 'ދަސް'، އަދި 'ޕަރްދޭސީ ބާބޫ' ފަދަ ހިޓް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޝިލްޕާ އެންމެ ފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރު ނުކުތް ފިލްމު 'ޑިޝްކިޔާއުން' ގެ ލަވައަކުންނެވެ.