12 Apr 2017, 08:38
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާގެ ދެ ލަނޑާއެކު ފަސޭހަކަމާއެކު ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަތުން އިޓަލީ ޗެމްޕިއަން ޔުވެންޓަސް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުގައި ބާސާގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ
އެ މެޗުގެ ކުރީކޮޅު ބާސާގެ ޑިފެންސް ލައިނުން ގޯސްތަކެއް ފެނިގެންދިޔައިރު، ހަތްވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ހުނަރުތައް ދައްކާލުމަށްފަހު ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިބާލާއެވެ.
މެޗުގައި ބާސާ ހަމައަކަށް ނޭޅި އުޅެނިކޮށް، ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑިބާލާއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓްފަހުން ޔުވެންޓަސްއިން ތިން ލަނޑުގެ ލީޑެއް ހޯދިއެވެ. މިރަލެމް ޔަނިކް ނަގައިދިން ކޯނަރަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯޖިއޯ ޗިއެލީނީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސާއާއި ޔުވެންޓަސް ބައްދަލުކުރާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބާސާގެ އަމިއްލަ ދަނޑުގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ
ގަދަ 16ގައި ޕެރިސް ކުރިން ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަތުން ބޮޑު ތަފާތަކުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް ބާސާއިން ކުއާޓާގެ ޖާގައެއް ހޯދާފައިވެއެވެ. އަނެއްކާވެސް އަމިއްލަ ދަނޑުގައި ކުޅޭ ކުއާޓާގެ މެޗުން ޔުވެންޓަސް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިގެން ނޫނީ ބާސާއަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނެތެވެ.