12 Apr 2017, 00:57
ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ޓީމް ފެނަކައިން ތައުލީމީ ގުޅުން ކޮޅަށް 17 ލަނޑު ޖަހައިފިއެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ތައުލީމީ ގުޅުން އަތުން ފެނަކަ މޮޅުވެފައިވަނީ 17-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
އެ މެޗުގައި ފެނަކައިން ކާމިޔާބުކުރި 17 ލަނޑުގެ ތެރެއިން 13 ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިސް ސަސިޗާ ޕޮތިވޮންގްއެވެ. ފެނަކައިން ކާމިޔާބުކުރި އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މަރިޔަމް ޒައިނާ ކާމިޔާބުކޮށްދިންއިރު އައިޝަތު ސަމާ އަދި މިސް ޖެންޖީރާ ބުޕާ، މިއިން ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބުކޮށްދިނެވެ.
އަންގާރަ ދުވަހުގެ ހަވީރު ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި އެމްއޭސީއެލްއިން ވަނީ ފަސޭހަކަމާއެކު އުރީދޫގެ މައްޗަށް ކުރި ހޯދައިފައެވެ. އެމްއޭސީއެލްއިން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ފަސް ލަނޑު ސަބްރިތާ ބަންޑާރީ ކާމިޔާބުކޮށްދިންއިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަނިތާ ބަސްނެޓްއެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގައި ބުދަ ދުވަހު ކުޅޭ މެޗުތައް:
21:00- ކްލަބު އިމިގްރޭޝަން – ކްލަބު އާސަންދަ (ގްރޫޕް ސީ)
21:00- ދިވެހި ސިފައިންގެ ކްލަބު – ޓީމް އައިޖީއެމްއެޗް (ގްރޫޕް އޭ)
22:00- ޕޮލިސް ކްލަބު – ފެހި ފަހި ކްލަބު (ގްރޫޕް ބީ)
22:00- އެމްޕީއެލް – އެސްޓީއޯ ރެކްރިއޭޝަން ކްލަބު (ގްރޫޕް ސީ)
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.
މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.