ބޮރޫޝިއާ ޑޯޓްމަންޑްގެ ބަސް ކައިރީ އެއްޗެއް ގޮވުމާ ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަންގެ ޑޯޓްމަންޑާއި ފްރާންސްގެ މޮނާކޯ ކުޅުމަށް ހަމަޖެހުނު މެޗު ފަސްކޮށްފިއެވެ.

ޑޯޓްމަންޑް ބަސް ކައިރީ އެއްޗެއް ގޮވާފައިވާ މިރޭ އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗު ފެށެން ކުޑަތަން ވެފައިވަނިކޮށެވެ. އެ މެޗު ދެން ކުޅުމަށް ތާވަލުކޮށްފައި ވަނީ ރާއްޖޭގަޑިން މާދަމާ ރޭ 9:45ގައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ޖަރުމަން ފުލުހުން ބުނީ، ޑޯޓްމަންޑް ޓީމް ބަސް ކައިރީ އެއްޗެއް ގޮވި ކަމަށާއި އެ ހާދިސާއާ ގުޅިގެން ބަހުގެ ބިއްލޫރި ގަނޑުތަކުގައި ރެނދުލައި، އެކަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އަނިޔާވި މީހަކީ ޑޯޓްމަންޑަށް ކުޅެމުންދާ ސްޕެއިން ޑިފެންޑަރު މާކް ބާޓްރާއެވެ. ނަމަވެސް އޭނާއަށް އަނިޔާވި ކަމެއް އަދި ޑޯޓްމަންޑުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.