11 Apr 2017, 23:49
ކްލަބު މޯލްޑިވްސް ކަޕްގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްއާރްޑީސީން ފެށުން ރަނގަޅުކޮށްފިއެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އީ'ގެ މެޗުގައި ސްޓެލްކޯ އަތުން އެމްއާރްޑީސީ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މިއަދު ހަވީރު ކުޅުނު އެ މެޗުގައި އެމްއާރްޑީސީން ކާމިޔާބުކުރި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީއާއި މުހައްމަދު ލިޔާހުއެވެ.
އެމްއާރްޑީސީގެ ޓީމުގައި ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގިނަ ކުޅުންތެރިން ހިމެނެއެވެ. އެޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަންއާއި، ޓީސީގެ އަލީ ނާފިއުއާއި، ވެލެންސިއާގެ މުހައްމަދު ފުހައިދުއާއި، ނިއުގެ އަބްދުﷲ މިދުހަތު ފަހުމީއާއި، ވިކްޓަރީ އިސްމާއިލް އީސާ (މެސީ)އާއި، އެޓީމުގެ ހަސަން އަދުހަމް (ސަޑޭ) އަދި ނިއުގެ އަކްރަމް އަބްދުލްޣަނީ (އަކޫ) ފާހަގަކޮށްލެވެއެވެ.
މިއަދު ހަވީރު ޕޮލިސް ކްލަބާއި ޓީމް ފެނަކަ ބައްދަލުކުރި 'ގްރޫޕް އެފް'ގެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގައި ޓީމް ފެނަކަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާވީ މުހައްމަދާއި އަހްމަދު ހަލީމްއެވެ. ޕޮލިސް ކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ރިފްޝާންއާއި އަލީ ރިސްވާން އަހްމަދެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މާދަމާ ކުޅޭ މެޗުތައް:
20:00- އެމްއެންޔޫ ސްޓާފް ކްލަބު – ކްލަބު ވެމްކޯ
20:00- އެޗްޕީއެސްއެން – މޯލްޑިވްސް މީޑިއާ ކްލަބު
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.
މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.