އާޖެންޓީނާގެ ކޯޗު ޑިއޭގޯ ކްރުސިއާނީގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކޮލިފައިންގައި އިރާނާ ދެކޮޅަށް ކުޅުމަށް ތައްޔާރުވަމުން އަންނަ ދިވެހި ގައުމީ ޓީމަށް ގެންނަން ނިންމި އާޖެންޓީނާގެ ފިޒިކަލް ޓްރެއިނަރު އަންނަ ހުކުރު ދުވަހު މާލެ އަންނާނެ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިޤައުމީ ޓީމްގެ ކަންތައްތައް ހުރިނެތް ގޮތާއި ޓީމަށް އާ މެނޭޖަރަކު އައްޔަނު ކުރުމަށް ފަހު މިއަދު ބޭއްވި ނޫސް ވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ގައުމީ ޓީމް އިތުރަށް އިމްޕްރޫވް ކުރުމުގެ ގޮތުން ގެންނަން ނިންމާފއިވާ ޓްރެއިނަރަކީ އާޖެންޓީނާގެ މަޝްހޫރު ޓްރެއިނަރަކަށް ވީއރު އޭނާ އަންނަ ހުކުރު ދުވަހު މާލެ އަންނާނެ ކަމަށެވެ. އަދި އޭނާ އަންނަނީ އެފްއޭއެމް އާއި ޤައުމީ ކޯޗް ކްރިސިއާނީގެ އެދުމުގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.

"އޭނާ ހުކުރު ދުވަހު އައުމަށް ވަނީ ހަމަޖެހިފަ. އުންމީދު ކުރަން އޭނާގެ ފަރާތުން ޓީމަށް އިތުރު އިންޕުރޫވްމަންޓެއް ލިބޭނެ ކަމަށް. އޭނާއަކީ އެޤައުމުގެ މަޝްހޫރު ކުލަބަކަށް ޓްރެއިނިން ދެމުން އަންނަ މީހެއް،" އާޒިމް ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް ނުކުތުމުގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި އަންނަ އާދިއްތަ ދުވަހު އިންޑިޔާއާ ދެކޮޅަށް ގައުމީ ޓީމު މާލޭގައި މެޗެއް ކުޅުމަށް ހަމަޖެހި ފައިވާއިރު، އިންޑިއާ ޓީމް މާދަމާ މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއާއި ދެކޮޅަށް ޤައުމީ ޓީމް އަދިއްތަ ދުވަހު ކުޅޭ މެޗް ބަލައިލުމަށްޓަކައި އިރާން ޤައުމީ ޓީމްގެ ޓެކްނިކަލް ޓީމެއް ވެސް އަންނަ ހޮނިހިރު ދުވަހު މާލެ އަންނާނެ ކަމަށް އާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ.