11 Apr 2017, 22:49
ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން، ދިވެހި ބަހުގެ އެކަޑަމީން ބާއްވަމުން ދިޔަ އަދަބީ މުބާރާތްތައް ކުރީގެ އަދީބުންގެ ނަންތަކަށް ހާއްސަކޮށް މުބާތާތްތަކުގެ ނަންތައް ބަދަލުކޮށްފި އެވެ.
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ދިވެހިބަސް ރީތި ގޮތުގައި މިއަދުގެ ޖީލަށް ގެނެސްދިން އެފަދަ އަދީބުންގެ ހަނދާންތައް އާ ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ބަހާ އަދަބަށް އަދި ތާރީހަށް ހިދުމަތްކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރެވޭނެ ގޮތްތައް ހޯދައި އެ ފަރާތްތަކުގެ ހިދުމަތުގެ ހަނދާންތައް އާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އަންނަ އަހަރު މުބާރާތަށް ބަދަލެއް ގެނައުމަށް ވިސްނަވާ ކަމަށެވެ. އެގޮތުން އެކަޑަމީން ބާއްވަމުން އަންނަ އެފަދަ މުބާރާތްތަކުގެ ނަންތައް އެބޭފުޅުންގެ ނަންނަން ހިމެނޭގޮތަށް ބަދަލުކޮށްފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުންގެމަތިން މިއަހަރު ބޭއްވި ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަން "އަލްއުސްތާޒް އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް" މި ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި މީގެފަހުން އެ ވާހަކަ ދެއްކުމުގެ މުބާރާތް ބާއްވާނީ އެނަމުގައި ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އޭގެ އިތުރުން "ޅެން ހެދުމުގެ ގައުމީ މުބާރާތް" ނަމުގައި ބާއްވަމުން އައި މުބާރާތް ވެސް ވަނީ އެފަދަ ބޭފުޅެއްގެ ނަން ހިމެނޭގޮތަށް ބަދަލުކޮށްފަ އެވެ. އެގޮތުން އެ މުބާރާތް ދެން ބާއްވާނީ "ހުތްއަލީދީދީ ގެ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ ގައުމީ މުބާރާތް" މި ނަމުގައި ކަމަށް އަޝްރަފް ވިދާޅުވި އެވެ. ހުތްއަލީދީދީ އަކީ ވަކިއުސޫލެއްގެ މަތިން އަދި ވަކި ތަރުތީބެއްގެ މަތިން ޅެން ހައްދަވަން ފެއްޓެވި ފުރަތަމަ ދިވެހި ޅެންވެރިޔާ އެވެ.
އޭގެ އިތުރުން ބަހުގެ އެކަޑަމީން ވަނީ މިހާތަނަށް ބާއްވަމުން އައި ދިގުވާހަކަ ލިޔުމުގެ މުބާރާތް ވެސް "އަހުމަދު ކާމިލް ދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ލިޔުމުގެ ގައުމީ މުބާރާތް" ގެ ނަމަށް ބަދަލުކޮށްފަ އެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ހަސަން ތާޖުއްދީންގެ ވާދައިގެ ތައްޓަށް ބާއްވާ ކުއިޒެއްގެ ގޮތުގައި ތާރީހް ގައުމީ ސުވާލު މުބާރާތެއް މިއަހަރު ބާއްވަން ރާވައި ނިންމާފައިވާ ކަމަށެވެ. ހަސަން ތާޖުއްދީނަކީ އަރަބި ބަހުން ދިވެހި ތާރީހް ފުރަތަމަ ލިޔުއްވި ބޭފުޅާ އެވެ.
އަޝްރަފް ވިދާޅުވީ ވާހަކަދެއްކުމުގެ މުބާރާތުގެ ނަމަށް ގެނައި ބަދަލާ އެކު ދެން ބާއްވާ މުބާރާތުގައި ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.