11 Apr 2017, 22:14
މޯލްޑިވް ގޭސް އިން އެ ކުންފުނީގެ އެކި އައުޓްލެޓްތަކުން ހީލިއަމް ގޭސް ވިއްކަން ފަށައިފި އެވެ.
ހީލިއަމް ގޭހަކީ ފުއްޕާހަން ފަދަ ތަކެތި ފުއްޕުމަށް ބޭނުންކުރާ ގޭހެކެވެ. މައްޗަށް ވައިގެ ތެރެއަށް ފުއްޕާހަން ފޮނުވުމަށް އޭގެ ތެރެއަށް އަޅަނީ ހީލިއަމް ގޭހެވެ.
އެގޮތުން ކުޑަކުދިންނާ ގުޅޭ ތަފާތު ހަފްލާތަކާއި ކުންފުނިތަކުގެ އެކިއެކި ހަފްލާތަކާއި އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަރަކާތްތަކާއި ސިޔާސީ ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކުގައި ވެސް ހީލިއަމް އަޅާފައި ހުންނަ ފުއްޕާހަން ބޭނުންކުރާތަން ފެނެ އެވެ.
މޯލްޑިވް ގޭސް އިން ވިއްކަން ފަށާފައި ވަނީ ފަސް ލީޓަރާއި 47 ލީޓަރުގެ ގޭސްފުޅި އެވެ. ފަސް ލީޓަރުގެ ފުޅިއަކީ އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފުޅިއެކެވެ. ނަމަވެސް 47 ލީޓަރުގެ ސިލިންޑަރު ރިފިލް ކުރެވޭނެ އެވެ.
މޯލްޑިވް ގޭސް އިން ބުނީ ފަސް ލީޓަރުގެ ސިލިންޑަރުން 12 އިންޗީގެ 50 ފުއްޕާހަމަށް ގޭސް އެޅޭނެ ކަމަށެވެ. އަދި 47 ލީޓަރުގެ ސިލިންޑަރުން 12 އިންޗީގެ 500 ހަމަށް ގޭސް އެޅޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މޯލްޑިވް ގޭސް އިން ހީލިއަމް ގޭހުގެ ފަސް ލީޓަރުގެ ސިލިންޑަރެއް ވިއްކަނީ 1060 ރުފިޔާ އަށެވެ. އަދި 47 ލީޓަރުގެ ސިލިންޑަރެއް ވިއްކަނީ 7000 ރުފިޔާ އަށެވެ.
މޯލްޑިވް ގޭސް އިން ބުނީ އެ ކުންފުނިން މާލޭގައި ގާއިމްކޮށްފައިވާ ފިހާރައިން އަދި ހުޅުމާލެ އައުޓްލެޓާއި ވިލިމާލެ އައުޓްލެޓުން ގޭސް ސިލިންޑަރު ގަންނަން ލިބޭނެ ކަމަށެވެ.