ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ އިންސްޓަގްރާމް އެކައުންޓު ޑީއެކްޓިވޭޓު ނުވަތަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، އެފަރާތެއް ހޯދާނެ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ބަންގާޅުގެ ރަޖްޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ރައުދާ އާތިފް މަރުވެފައި ހުއްޓާ ފެނުނީ 29 މާޗުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓު އޭޕްރިލް ތިންވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ވަނީ ކުއްލިއަކަށް ޑިލީޓުވެފައެވެ.

ދިވެހި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑު، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ރައުދާގެ އިންސްޓަގްރާމު އެކައުންޓު ޑީއެކްޓިވޭޓުކުރި ގޮތުގެ އިތުރު ތަހުގީގެއް މިހާރު ދަނީ ކުރަމުން ކަމަށެވެ.

"އެ މައުލޫމާތު ލިބުމުން ރައުދާ އާތިފްގެ އިންސްޓަގްރާމް ޑީއެކްޓިވޭޓުކުރީ ކޮން ފަރާތަކުންކަން ކަނޑައަޅައި ބުނަން އެނގިގެން ދާނެ،" ރިޔާޒު ވިދާޅުވިއެވެ.

ދުނިޔެ ދޫކުރާ މީހުންގެ އިންސްޓަގްރާމް އެކައުންޓްތައް އިންސްޓަގްރާމުން ރިމޫވް ކުރާނީ، އެ މީހެއްގެ އާއިލާގެ މެމްބަރެއް ކަމަށް ކަށަވަރުވާ މީހަކު، މަރުވި މީހާގެ މަރުގެ ސެޓްފިކޭޓް ފަދަ ރަސްމީ ލިޔުމެއް އިންސްޓަގްރާމަށް ހުށަހެޅުމުންނެވެ. ރައުދާގެ އާއިލާ މެމްބަރަކު "ސަން"އަށް ބުނި ގޮތުގައި، މިފަދަ އެއްވެސް ކަމެއް އެ އާއިލާއިން ނުކުރެއެވެ.