11 Apr 2017, 20:43
ބަންގާޅުގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރަށް ފަހު އޭނާގެ ބައެއް ރަހުމަތްތެރިން އޭނާގެ އިންސްޓަގްރާމް އެކައުންޓް އަންފޮލޯކޮށްފައިވާ ކަމަށް މީޑިއާގައި ދެކެވުނު ވާހަކައަކީ ދޮގެއް ކަމަށާއި، ރައުދާގެ މަރުގެ މައްސަލައިގެ ފޯކަސް ބަދަލުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ތުހުމަތުކޮށްފި އެވެ.
ރައުދާގެ މަރަށްފަހު އިންސްޓަގްރާމް އެކައުންޓުން އޭނާގެ ބައެއް ރަހުމަތްތެރިން ވާހަކަ ފެތުރުނީ އޭޕްރިލް ތިންވަނަ ދުވަހުއެވެ.
ނަމަވެސް އޭރު ފާހަގަވި ކަންތަކުގެ ތެރޭގައި، ރަހުމަތްތެރީންތަކެއް ރައުދާގެ އެކައުންޓު އަންފޮލޯ ކޮށްފައިވާ ކަމުގެ ވާހަކައެއް ދެކެވިފައެއް ނުވެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައުދާ އާތިފްގެ މަރުގެ މައްސަލައާ ގުޅިގެން ބަންގާޅަށް ދިޔަ ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑު، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރައުދާ މަރުވުމަށްފަހު އޭނާގެ އިންސްޓަގްރާމް އެކައުންޓު ބައެއް ރަހުމަތްތެރިން އަންފޮލޯކޮށްފައިވާ މައުލޫމާތު ލިބި، އެކަން ތަފުސީލު ކުރުމަށް ފުލުހުން މަަސައްކަތް ކުރި ކަމަށެވެ.
ރިޔާޒް ވިދާޅުވީ އެކަމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ، ރައުދާގެ ރަހުމަތްތެރިޔާ ސީރަތު ޕަރުވީން މުހައްމަދާ ބެހޭ ގޮތުން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ސީރަތުގެ ފޯނު ބެލި އިރު، އޭނާގެ އެކައުންޓު ދައްކާ ގޮތުން އޭނާ ދިޔައީ ރައުދާ އިންސްޓަގްރާމުން ފޮލޯ ކުރަމުން ކަމަށެވެ.
"މިގޮތުގެ މަތިން އެންމެ ބޮޑަށް ވާހަކަ ދެކެވޭ އެއް ދަރިވަރު، ސީރަތުގެ ފޯނު އެވަގުތު އޮތީ ފުލުހުންގެ އަތުގައި ކަމަށް ވުމާ އެކު، ސީރަތުގެ ފޯނު އަޅުގަނޑުމެން ނަގައިގެން ބެލި ބެލުމުން، ރައުދާ އާތިފް އަންފޮލޯކޮށްފައި ނުވާކަން ފާހަގަ ކުރެވުނު. ސީރަތުގެ އެކައުންޓުން ދައްކާ ގޮތުން ސީރަތު ރައުދާ އާތިފް ފޮލޯކުރަމުން ދިޔަކަން އަޅުގަނޑުމެންނަށް ފެނުނު،" ރިޔާޒް ވިދާޅުވިއެވެ.
ރައުދާގެ މަރުވުމަށްފަހު ދުވަސްތަކެއް ފަހުން ވަރަށް ގާތް ކުދިންތަކެއް އިންސްޓަގްރާމުން އަންފޮލޯކުރި ކަމާ ގުޅިގެން މީޑިއާގައި ޖެހި ރިޕޯޓަކާ ގުޅިގެން ރައުދާގެ މުޅި އިންސްޓަގްރާމް ޑީއެކްޓިވޭޓުކުރި ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ރިޔާޒް ވިދާޅުވީ ރައުދާގެ މަރުގެ ތަހުގީގުގެ ފޯކަސް ބަދަލުކުރުމަށް ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
"އަޅުގަނޑު އެހެން މި ދަންނަވަނީ މުޅި މައްސަލައާ ގުޅިގެން ފުލުހުން ކުރި ހުރިހާ މަސައްކަތުން އެއްކުރި ހުރިހާ މައުލޫމާތެއްގެ އަލީގައި، ކޮންމެވެސް ފަރާތަކުން މައްސަލައިގެ ފޯކަސް ބަދަލުކުރަން މަސައްކަތް ކޮށްފައިވޭ. އެއީ އެކުދިންގެ ވާހަކަތަކާއި އެކުދިންގެ ކައިރިން ސާފުކުރި މައުލޫމާތުތަކާއި، އެ ކުދިންގެ ފޯނުތަކުން ފެނިފައިވާ ކަންތަކަށް ބަލާއިރު ފާހަގަ ކުރެވުނު ކަންކަން،" ރިޔާޒް ވިދާޅުވިއެވެ.