ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާ ކޮލިފައި ނުވެދާނޭކަމުގެ ބިރު ހީވުމާއެކުު، އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ދުރުކޮށްފިއެވެ.

އާޖެންޓީނާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައި ނުވެ ދިޔައީ 1970 ވަނަ އަހަރުއެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް، ބައްރުތަކުގައި ކުރިއަށްދާ ކޮލިފިކޭޝަން މެޗުތަކުގައި، ދެކުނު އެމެރިކާގެ 10 ގައުމު ހިމެނޭ ގްރޫޕުން، ގަދަ ހަތަރު ޓީމަށް އޮޓޮމެޓިކް ކޮލިފިކޭޝަން ލިބޭއިރު، އާޖެންޓީނާ މިވަގުތު އޮތީ ގްރޫޕްގެ ފަސްވަނައިގައެވެ.

އެ ގްރޫޕުން ފަސްވަނައަށް ދާޓީމެއް ޖެހޭނީ، އޯޝޭނިއާގެ ގައުމަކާއެކު ޕްލޭއޯފް ކުޅޭށެވެ.

އާޖެންޓީނާގެ ކޯޗުކަމަށް އުމުރުން 59 އަހަރުގެ ބައުޒާ ހަމަޖެއްސީ މިދިޔަ އަހަރުގެ އޯގަސްޓުމަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ މިހާތަނަށް އަށް މެޗު ކުޅުނުއިރު، އޭގެ ތެރޭން ތިން މެޗުން މޮޅުވެ، ދެމެޗު އެއްވަރުވެ، ތިން މެޗުން އެޓީމު ބަލިވެފައި ވެއެވެ.

"އަހަރެމެން ވާނީ، ބައުޒާއަށް އަންގާފައި އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވާކަން،" އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވިއެވެ.

"ގައުމީ ޓީމުން ފެންނަނީ ވަރަށް ދަށް ކުޅުމެއް، މިއީ އެންމެންވެސް ދަންނަ ހަގީގަތެއް."

ބައުޒާގެ ކޯޗުކަމުގައި އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗަކީ، ބޮލީވިއާ އަތުން 2-0 ލަނޑުން އެޓީމު ބަލިވި މެޗެވެ. އެ މެޗު ކުޅެފައި ވަނީ، އެސިސްޓެންޓް ރެފްރީއަކަށް ހުތުރުބަހުން މުހާތަބުކުރުމުގެ ކުށުގައި ކެޕްޓަން ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑު ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއަށް ބާކީ ހަތަރު މެޗު އޮތްއިރު، ދެން އެޓީމު ކުޅޭ މެޗުގައި، 31 އޯގަސްޓްގައި ވާދަކުރާނީ، ގްރޫޕްގެ ތިން ވަނައިގައި އޮތް އުރުގުއާއީއާ ދެކޮޅަށެވެ.