އައްމާން (އޭޕްރިލް 11): އުރުދުންގެ ރަސްގެފާނު އަބްދުﷲ ވިދާޅުވި ބަސްފުޅަކަށް އީރާނުގެ ފޮރިން މިނިސްޓްރީން ފާޑު ކިޔުމާ ގުޅިގެން، އުރުދުންގައި ހުންނަވާ އީރާނުގެ ސަފީރު އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ރަސްގެފާނު ވަނީ އީރާނުން ދަނީ މެދުއިރުމަތީގައި މައްސަލަތައް އުފައްދަމުން ކަމަށާއި އޭގެ ސަބަބުން އިސްރާއިލާއި އަރަބި ގައުމުތަކުން ދެކެނީ އީރާނަކީ ނުރައްކަލެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އުރުދުން ބޯޑަރާ ކައިރިއަށް ޖެހިފައިވާ ކަމަށާއި، އީރާން ސިފައިން އުރުދުނާ ކައިރިވަމުން ދިޔުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ރަސްގެފާނު އަބްދުﷲ ވިދާޅުވި އެވެ.

އެއިންޓަވިއުއާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަހުރަމް ގަސީމީ ވަނީ ރަސްގެފާނުގެ ބަސްފުޅަކީ 'މޮޔަ އަދި ޒިންމާދާރުކަން ކުޑަ' ބަސްފުޅެއް ކަމަށާއި އޭގެއިން އެނގިގެން ދަނީ މެދުއިރުމަތީގައި ހިނގާ ކަންތަކާ ބެހޭ ގޮތުން ރަސްގެފާނު އަބްދުﷲއަށް އެނގިލައްވާ ވަރު ކުޑަ ކަަން ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން އުރުދުންގެ ފޮރިން މިނިސްޓްރީން ވަނީ ގަސީމީގެ ބަސްފުޅާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރުމަށް އިރާނުގެ ސަފީރު ހާޒިރު ކޮށްފަ އެވެ. އަދި އީރާނުން އަރަބި އެހެން ގައުމުތަކާ ރަނގަޅު ގުޅުމެއް ބޭއްވުމަށް ގޮވާލާފަ އެވެ.

ސީރިއާގެ ހަނގުރާމައިގެ ސަބަބުން ގެދޮރު ނެތިފައިވާ އެތައް ހާސް ރެފިއުޖީންނަށް ހިމާޔަތް ދީފައިވާ އުރުދުން އަކީ ސީރިއާ އާއި އިރާގުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާދޭން އެމެރިކާއިން ހަދާފައިވާ ކޯލިޝަނުގެ ބައިވެރިއެކެވެ. އަދި އީރާނަކީ ސީރިއާ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ އެންމެ މުހިއްމު އެއް ގައުމެވެ.