މާލެ އާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވާލަން ހަދަމުންދާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުވާލަން ނިންމައި، ހޮޅިލައިން އެޅުމަށްޓަކައި މަސައްކަތުގެ ޑިޒައިން ހެދުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކުރީ ސީސީސީ ސެކަންޑް ހާބަރ އިންޖިނޭރިންއާ އެވެ. އެކުންފުންޏަކީ ބްރިޖުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކުންފުންޏެވެ.

އެ ކޮންޓްރެކްޓުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ސީސީސީ ސެކަންޑް ހާބަރ އިންޖިނޭރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރ ހއަންގް ލޮންގް އެވެ.

ކޮންޓްރެކްޓުގައި ސޮއި ކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ އެމަސައްކަތުގެ އަގަކީ ދެލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރީ 70 ދުވަސް ތެރޭ ނިންމާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ޑިޒައިން މަސައްކަތަށްފަހު ހޮޅިލައިން އެޅުމަށްޓަކައި ބޭނުންވާ ސާމާނު މި އަހަރުގެ ފަހުކޮޅު ގެންނަން ހަމަޖައްސާފައިވާ ކަމަށާއި އެމަސައްކަތް ކުރާނީ އެމްޑަބްލިއުއެސްސީއާއި ސީސީސީ ކުންފުނިން ގުޅިގެން ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެ މަސައްކަތަކީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

ފަޒުލް ވިދާޅުވީ ފެން އުފެއްދުން ޑީސެންޓްރަލައިޒް ކުރުމުގެ ގޮތުން މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފެއްދުމުގެ ގާބިލްކަން މިހާރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

އެކުންފުނިން ބުނި ގޮތުގައި ބޮޑުތަކުރުފާނުމަގުގައި ގާއިމުކުރާ 5،000 ކޮޑިމީޓަރުގެ ފެން ޕްލާންޓްގެ ކޮމިޝަންކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އަދި ހަވީރީމަގުގައި ބަހައްޓާ 2،000 ކޮޑިމީޓަރުގެ ފެން ޕްލާންޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމި އެ ޕްލާންޓް ވެސް ބޭނުންކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ފަޒުލް ވިދާޅުވީ މާލެއާއި ހުޅުމާލެ، އެ ހޮޅި ނިޒާމު މެދުވެރިކޮށް ގުޅާލެވުމުން ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ފެން ޕަމްޕު ކުރެވޭނެ ކަމަށެވެ. އަދި އެއާއެކު ދޭތެރެ ދޭތެރެއިން ދިމާވާ ފެނުގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.