11 Apr 2017, 16:53
އިސްލާމް އާބާދު(އެޕްރީލް 11): އިންޑިޔާގެ ޖާސޫސަކަށް މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ އަސްކަރީ ކޯޓަކުން ކުރި ހުކުމް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ސާދިގު ތަސްދީގު ކުރައްވައިފިއެވެ.
އިންޑިޔާއަށް ޖާސޫސުކޮށްދިނުމުގެ ތުހުމަތުގައި ޕާކިސްތާނުން ހައްޔަރުކުރި އިންޑިޔާގެ ރައްޔިތެއްކަމަށްވާ ގުލްބުޝާން ގެދާފް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު ޕާކިސްތާނުގެ ބަލޫޗިސްތާން ގައެވެ. ގުލްބުޝާންއަކީ އިންޑިޔާ ކަނޑުގެ ސިފައިންގެ އޮފްސަރެއްކަމަށް ޕާކިސްތާނުން ބުނެއެވެ. އޭނާ ޕާކިސްތާނަށް ވަދެފައިވަނީ އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ނަންއޮޅުވާލުމަށްފަހު ވަގު ޕާސްޕޯޓެއްގައެވެ. އޭނާގެ އަސްލު ނަމަކީ ގުލްބުޝާން ގެދާފް ކަމަށްވިޔަސް ޕާކިސްތާނަށް ވަދެފައިވަނީ ހުސައިން މުބާރަކް ބާތީލް ކިޔާ ނަމެއްގައި ކަމަށް ޕާކިސްތާނުން ބުނެއެވެ.
ޕާކިސްތާން ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ ޕާކިސްތާނުގެ ބިމުގައި ހުރެގެން އެގައުމާބެހޭ ސިއްރު މައުލޫމާތު އިންޑިޔާ ސިފައިންނަށް ފޯރުކޮށްދިންކަމާ އަދި ބަލޫޗިސްތާނާއި ކަރާޗީގައި ހަމަޖުހެހުން އުފެއްދުމަށް ރޭވިކަމަށް ގުލްބުޝާން އަމިއްލައަށް އިއުތިރާފް ވެފައިވުމުން އޭނާގެ މައްޗަށް ވަނީ ޖާސޫސުކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވިކަމުގެ ސާބިތުވެފައެވެ.
ގުލްބުޝާން ހައްޔަރުކުރީ ޕާކިސްތާނުގެ ޖާސޫސީ ފަރާތްތަކުން އޭނާއަށް ފާރަލަމުންގެންދާތާ ދުވަސްތަކެއްފަހުން ކަމަށްވެއެވެ. ގުލްބުޝާންގެ މައްޗަށް ޕާކިސްތާނުގެ އަސްކަރީ ކޯޓުންކުރި ހުކުމް ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ސާދިގު ތަސްދީގު ކުރެއްވިނަމަވެސް ގުލްބުޝާންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
އިންޑިޔާއިންވަނީ އެގައުމުގެ ޖާސޫސު ގުލްބުޝާންގެ މައްސަލައަކީ ޕާކިސްތާނުން ކުޅުނު ޑްރާމާއެއްކަމަށް ސިފަކޮށްފައެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ގުލްބުޝާންއަކީ އިންޑިޔާގެ އާދައިގެ ރައްޔިތެކެވެ. އޭނާ ޕާކިސްތާނަށް ގެންދިޔައީ އީރާނުގައި އުޅެނިކޮށް ބަޔަކު ވަގަށްނަގައިގެން ކަމާއި އޭނާގެ ޕާސްޕޯޓް ފޯޖް ނުކުރާކަމާ އަދި އޭނާ އިންޑިޔާއަށް ޖާސޫސުވެސް ނުކުރާކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އިންޑިޔާއިން ވަނީ ގުލްބުޝާން މިނިވަންކޮށް އޭނާ އަނބުރައި އިންޑިޔާއަށް ފޮނުވައިދިނުމަށް ޕާކިސްތާނަށް ގޮވާލާފައެވެ. އަދި ގުލްބުޝާންގެ މައްޗަށް ކޮށްފައިވާ ޝަރީއަތަކީވެސް ބޮޑު އޮޅުވާލުމެއްކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އިންޑިޔާއަކީވެސް ޕާކިސްތާނު ޖާސޫސުންނާމެދު މިފަދައިން އަމަލުކުރަމުންގެންދާ ގައުމެކެވެ. އިންޑިޔާގައި ދޭ ޓެރަރިސްޓް ޙަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކުގެ ޒިންމާވެސް އިންޑިޔާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގައެވެ. ޕާކިސްތާނާއި އިންޑިޔާއަކީ ވަރަށް ވާދަވެރި ކޯޅުންތައް ބޮޑު އަދި އެއްގައުމު އަނެއް ގައުމަށް އިތުބާރު ނުކުރާ ދެގައުމެވެ. (އަލްޖަޒީރާ)