ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަންނަވަން ޖެހޭ އިންސާނީ ހައްގުތަތަކުން މަހްރޫމްކޮށްފައިވާ ކަމަށް ބުނެ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ހިއުމަން ރައިޓްސް ކޮމިޝަންއާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދަށް ހަ ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހީ މިދިޔަ ހުކުރު ދުވަހު އެވެ. އެ އަމަރުގައި ބުނެފައި ވަނީ ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން، ވައި ދަތުރު ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއްގައި އޭނާ ބެހެއްޓުމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އެޗުއާރުސީއެމްއާ ބައްދަލުކުރުމަށް ފަހު 'ސަން' އާ ވާހަކަ ދައްކަމުން ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހަމަދު ސަމީރު ވިދާޅުވީ ކޯޓް އަމުރުގައި ފާހަގަކޮށްފައިވާ ގޮތަށް ރަނގަޅަށް ވައިދަރުވާ ތަނެއްގައި ގާސިމް ބަހައްޓަން އަމުރު ކުރި ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.

"އެމަނިކުފާނަށް ލިބެން ޖެހޭ ބޭސްފަރުވާގެ ތެރެއިން ނޯސް ސްޕްރޭ އާއިލާއިން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރައްދުކުރީމާ ވެސް ގާސިމްއާ ހަވާލުކޮށްފައެއް ނުވޭ. އުސޫލެއްގެ ގޮތުން އެފަދަ ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެން ވާނީ އެބޭފުޅުންނާ ހިއްސާކޮށްފައި،" ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ސަމީރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސަތްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ސަމީރު ވިދާޅުވީ ގާސިމްއާ ގުޅޭ ގޮތުން އެބޭފުޅުން ހުށަހެޅި ކަންކަން ބައްލަވާނެ ކަމުގެ ޔަގީން ކަން އެޗްއާރުސީއެމް އިން ދެއްވި ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ޖަލަށް ޒިޔާރަތްކޮށް ގާސިމާ ބައްދަލުކުރުއްވާނެ ކަމަށް ވެސް ވިދާޅުުވެފައިވާ ކަމަށެވެ.