11 Apr 2017, 13:09
ޝިކާގޯ (އޭޕްރިލް 11): އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓަކުން ފަސިންޖަރަކު ގަދަކަމުން ބޭލި މައްސަލަ ހޫނުވެއްޖެ އެވެ.
ޝިކާގޯ އިން ފުރަން އޮތް އެފްލައިޓު ތެރެއިން ޗައިނާގެ ފަސިންޖަރަކު ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެވީޑިއޯ 16،000 ފަހަރު ޓުވީޓުކޮށްފައިވާ އިރުފޭސްބުކުން13 މިލިއަން ފަހަރު އެވީޑިއޯ ބަލާފައިވެ އެވެ.
ޓުވިޓާގައި އެވީޑިއޯ ހިއްސާ ކުރި މީހާ ބުނި ގޮތުގައި އެފްލައިޓުން ހަތަރު މީހަކު ބާލަން ޖެހުނީ ފްލައިޓުން މާގިނަ މީހުންނަށް ބުކިން ހައްދަދީފައި ވުމުންނެވެ. އެހެންކަމުން އެއެއާލައިންގެ ހަތަރު މުވައްޒަފަކަށް ޖާގަ ހެދުމަށް ޓަކައި ފްލައިޓުން އެދުނީ ހަތަރު ފަސިންޖަރުން އެފްލައިޓުން ފޭބުމަށެވެ.
އަދި އެއްވެސް މީހަކު އަމިއްލަ އިޚުތިޔާރުގައި ފްލައިޓުން ފައިބަން ބޭނުން ނުވުމުން އެފްލައިޓުން ނިންމީ ޗައިނާގެ ޑޮކްޓަރަކާއި އޭނާގެ އަނބިމީހާ ހިމެނޭ ގޮތަށް ހަތަރު މީހަކު ފްލައިޓުން ބާލާށެވެ.
ނަމަވެސް އެޑޮކްޓަރު ވަނީ އޭނާ މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށް ބުނެ ފްލައިޓުން ފައިބަން ދެކޮޅު ހަދައިފަ އެވެ. އެހެންވެ ތިން ސެކިއުރިޓީ ގާޑުން ވެގެން އެމީހާ ގަދަކަމުން ފްލައިޓުން ބާލަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާތަކެއް ލިބި، މޫނުގައި ލޭ ހުރި ކަމަށް ވެސް ވީޑިއޯ ހިއްސާ ކުރި މީހާ ބުންޏެވެ.
އެހާދިސާއާ ގުޅިގެން ޝިކާގޯ އޭވިއޭޝަން ޑިޕާޓްމެންޓުން ވަނީ އެމީހާ ގަދަކަމުން ބޭލި ސެކިއުރިޓީ ގާޑުންގެ ތެރެއިން އެކަކު ސަސްޕެންޑު ކޮށްފައިވާ ކަމަށާއި އޭނާގެ އަމަލުތަކަކީ ގަބޫލު ކުރެވޭ އަމަލުތަކެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭވިއޭޝަން ޑިޕާންޓްމެންޓުން އެ ހާދިސާ ތަހުގީގު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
މީގެ އިތުރުން ޔުނައިޓެޑް އެއާލައިންސްގެ ސީއީއޯ އޮސްކާ މުނޯޒް ވަނީ އެފްލައިޓުގެ ފަސިންޖަރުން އެހެން ފްލައިޓަކަށް ބަދަލު ކުރަން ޖެހުމުން އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ. އަދި އެ އެއާލައިނުން ދަނީ ވީޑިއޯއިން ފެނިގެންދާ މީހާއާ ވާހަކަ ދައްކައި، އެ މައްސަލަ ހިނގައި ދިޔަ ގޮތް އިތުރަށް ބަލަމުން ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)