11 Apr 2017, 12:57
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ޔޫރަޕިން ޔޫނިއަން އާއި އެމްބަސީސް އޮފް ކެނެޑާ، ނޯވޭ، ސްވިޒަލޭންޑް އަދި އެމެރިކާއިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓަށް ސަރުކާރުން ރައްދު ދީފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ސަރުކާރުގެ ފަރާތުން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ ހަމަ އެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެ މައްސަލަތައް ހައްލު ކުރުމަށް ޓަކައި އިދިކޮޅު ފަރާތްތަކުންވެސް ޒިންމާދާރު ވާން ޖެހޭ ކަމަށެވެ.
އަދި، ދުޅަހެޔޮ ޑިމޮކްރަސީއަކަށް އެންމެ މުހިއްމު އެއް ބަޔަކީ އިދިކޮޅު ފަރާތްތައް ކަމަށާއި ނަމަވެސް އެފަރާތްތަކުން ވެސް ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ ހެދިފައިވާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ގައުމުގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ހަމަ އެކަނި ސަރުކާރުގެ ސަރުކާރުގެ ޒިންމާއެއް ނޫން. ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކުން އެކަމުގައި މަސްއޫލުވާން ޖެހޭ. މިކަމުގައި އެންމެންގެ ހިއްސާ އޮތުމަކީ މުހިއްމު ކަމެއް،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިދިޔަ ހަފްތާގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން 2015 ވަނަ އަހަރު ފެށި ސިޔާސީ މަޝްވަރާތަކަށް އަނެއްކާ ވެސް ސަރުކާރުން ހުޅުވާލި ކަމަށެވެ. ނަމަވެސް އެ ދައުވަތަށް އެއްވެސް އިދިކޮޅު ފަރާތަކުން އިޖާބަ ދީފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ރާއްޖެއާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކުން ނުވަތަ ގައުމުތަކުން ނެރޭ އެފަދަ ބަޔާންތަކަކީ ރާއްޖޭގެ އަސްލު ހާލަތު ދައްކުވައިދޭ ބަޔާންތަކެއް ކަން ކަށަވަރު ކުރުމަށްފަހު ނޫނީ ނުނެރުމަށް ވެސް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
އަދި، ސިޔާސީ ހިޔާލުތަފާތުވުންތަކާހުރެ ފާއިތުވި 10 އަހަރު ދުވަސްތެރޭގައި ރާއްޖޭގެ ތަރައްގީ އޮތީ ހުއްޓިފައި ކަމަށާއި، މިހާރު ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް ތަރައްގީގެ ކުލަ ފެންނަމުންދާ ކަމަށް އެބަޔާނުގައި ސަރުކާރުން ބުނެފައިވެ އެވެ. އަދި ސިޔާސީ މަގްސަދު ހާސިލް ކުރުމަށް ޓަކައި ރާއްޖެއަށް އަންނަ ތަރައްގީ ހުއްޓުވުމަށް، ސީދާ ކޮށް އަދި ނުސީދާކޮށް ނަމަވެސް މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.