ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ހަތީބުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން، ހަތް އިމާމަކު މައްކާއަށް ފޮނުވައިފި އެވެ.

މިއީ ސައުދީ އަރަބިއްޔާގެ މަކްތަބުއްދައުވާ ވަލްއިރުޝާދުން އިންތިޒާމުކޮށްގެން، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕްގައި ބައިވެރިވާން މައްކާއަށް ފުރި ފުރަތަމަ ގްރޫޕެވެ. ފުރަތަމަ ގްރޫޕްގައި ހިމެނޭ ޖުމްލަ 12 އިމާމުންގެ ތެރެއިން ބާކީ ތިބި ފަސް އިމާމުން މައްކާއަށް ދިއުމަށް ފުރާނީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިމާމުންނަށް ހިންގާ ވޯކްޝޮޕްގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައި ވަނީ މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވާސިޓީގަ އެވެ.

ވޯކްޝޮޕުގައި ޤުރްއާނާއި ފިގުހުގެ އިތުރުން އިމާމުންގެ ގޮތުގައި މަސައްކަތްކުރާ އިރު މުޖުތަމައުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ހައްލު ކުރާނެގޮތާއި އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް އިމާމުންނަށް ކިޔައިދޭނެ އެވެ.

ދިވެހި އިމާމުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ "އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތައް އިފްތިތާހު ކުރުމަށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިމާމުންގެ އިތުރު ބެޗްތަކެއް ސައުދީއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެއިތުރުން، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ވެސް ދިވެހި އިމާމުންނަށް ތަމްރީން ޕްރޮގްރާމުތަކާއި ވޯކްޝޮޕްގެ ފުރުސަތުތައް އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.