06 Jul 2011, 14:18
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ދާއިމީ ކޮމެޓީތަކުގެ މައްސަލަ ހައްލު ނުކުރާހާ ހިނދަކު ދެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ވެސް ހުއްޓުވާނެ ކަމަށް ޑީއާރްޕީގެ ޒެޑް ފެކްޝަނުން މިއަދު ބުނެފި އެވެ.
ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން އިއްޔެ އެއްބަސްވިގޮތާ ހިލާފަށް ކޮމެޓީތަކަށް މެންބަރުން ބަހާފައިވާ ކަމަށް ބުނެ ޒެޑް ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމް ވިދާޅުވީ ރޭގެ ޖަލްސާގައި ކޮމެޓީތަކަށް މެންބަރުން ބަހާނެ ގޮތަށް ވޯޓަށް އެހިއިރު ވެސް ކޮމެޓީތަކަށް މެންބަރުން ބަހާފައިވާ ގޮތުގެ ތަފްސީލުތަކެއް ބައެއް މެންބަރުންނަށް ނުދެއްވާ ކަމަށެވެ. އަދި ކޮމެޓީތަކަށް މިހާރު މެންބަރުން ބަހާފައިވާ ގޮތުން މުހިއްމު ތިން ކޮމެޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ )241 ކޮމެޓީ( އާއި އިގުތިސާދީ ކޮމެޓީ އާއި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އެމްޑީޕީ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
")ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ މެދުގައި( ދެކެވުނު ވާހަކަތަކާ ވެސް ހިލާފަށް ކޮމެޓީތައް ބަހާފައި ވަނީ. އަޅުގަނޑުމެންގެ މައްސަލައަކީ ގަވާއިދާ ހިލާފަށް ޖަލްސާ ބޭއްވުމާއި 241 ކޮމެޓީ އަށް ޑީއާރްޕީ/ޕީއޭ އަށް ހަމައެކަނި ދެ ގޮނޑި ލިބުނީ ކޮން އުސޫލަކުންތޯ. ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ ދިނީ ކީއްވެގެންތޯ. އިގްތިސާދީ ކޮމެޓީދިނީ ކީއްވެގެންތޯ ވެސް ސުވާލު އުފެދޭ.. އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ހުރީ ގަވާއިދުގެ އިމުގެ ތެރޭގައި މިކަން އިސްލާހު ވަންދެން ޖަލްސާ ހުއްޓުވާލުން،" ޑީއާރްޕީން ދޫދީގެން މުހިއްމު ކޮމެޓީތައް ތަސްމީން ދެއްވީ "ޑީލް" ހައްދަވައިގެން ކަމަށް ތުހުމަތުކޮށް އިލްހާމް ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ 241 ކޮމެޓީގެ 11 ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ވެރިކަން ކުރާ އެމްޑީޕީ އަށް ދީފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ލިބުނީ އެންމެ ދެ ގޮނޑި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އަށް ގޮނޑި އަކާއި ގައުމީ ޕާޓީގެ މެންބަރަށް ގޮނޑިއެއް ލިބިފައިވާ އިރު މިނިވަން ތިން ގޮނޑި އެ ކޮމެޓީގައި ހިމެނޭ ކަމަށް އާރިފް ވިދާޅުވި އެވެ. ސަލާމަތީ ބާރުތައް ޖަވާބުދާރީ ކުރުވާ ކޮމެޓީ، 241 ކޮމެޓިގައި ހިމެނޭ މިނިވަން މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު )އަލިބެ(ގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުހަމީދު ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ނިސްބަތަށް ބަލައި ކޮންމެ ކޮމެޓީއަކުން އެމްޑީޕީ އަށް 45 ޕަސެންޓް ލީބޭ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް 40 ޕަސެންޓް ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް 241 ކޮމެޓީން ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ލިބިފައިވަނީ އެންމެ ދެ ގޮނޑި ކަމަށެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުހިއްމު ބައެއް ކޮމެޓީތައް ވެރިކަން ކުރާ އެމްޑީޕީ އަށް ލިބިގެން ދަނީ އެ ކޮމެޓީތަކަށް ހޮވާފައިވާ އަމިއްލަ މެންބަރުންގެ ފިކުރު ސަރުކާރަށް ބަރޯސާވެ، އަދި ކުރިން އެ ބޭފުޅުން ވޯޓް ދެއްވާފައިވާ ގޮތުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަދި 241 ކޮމެޓީގައި ހިމެނޭ ކާށިދޫ ދާއިރާގެ މެންބަރުން އިސްމާއިލް އަބްދުލްހަމީދާއި ކުރިން ޑީއާރްޕީގައި ހުންނެވި އަލީ މުހައްމަދު )އަލިބެ(ގެ ފިކުރު ހުރީ ސަރުކާރު ކޮޅަށް ބުރަވާ ގޮތަށް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
އެ ދެ ދެމެންބަރުގެ އިތުރުން އެ ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ ހަތަރު މެންބަރުންނާ އެކު ހަ މެންބަރުން އަޣުލަބިއްޔަތުން 241 ކޮމެޓީގެ އަގުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ.
ޕަލަމެންޓްރީ ލީޑަރުން އިއްޔެ އެއްބަސްވެފައިވާ ގޮތާ ހިލާފަށް އިގުތިސާދީ ކޮމެޓީގެ އަގުލަބިއްޔަތު ލިބިފައި އޮތީވެސް އެމްޑީޕީއަށް ކަމަށް ޒެޑް ފެކްޝަނުން ތުހުމަތު ކުރެ އެވެ. އެ ގޮތުން އެ ކޮމެޓީގެ ފަސް ގޮނޑި އެމްޑީޕީ ކޮންޓްރޯލް ކުރާއިރު، ޑީއާރްޕީ/ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީތާއި ގައުމީ ޕާޓީއަށް ފަސް ގޮނޑި ލިބެ އެވެ. ނަމަވެސް އެމްޑީޕީ އަށް އެ ކޮމެޓީގެ މެޖޯރިޓީ ބުރަވެގެންދަނީ އެ ކޮމެޓީއަށް އައްޔަންކޮށްފައިވާ މިނިވަން މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ ފިކުރު ސަރުކާރަށް ބަރޯސާވާތީ އެވެ. ކުރި އެ ކޮމެޓީއަށް ހަމަޖެއްސުމަށް ނިންމާފައި އޮތީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.