11 Apr 2017, 14:17
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި މިފަހަރު ވާދަކުރާ ޓީމުތަކުގެ ތެރޭން އިދިކޮޅު ޓީމަށް އެންމެ އުނދަގޫ ބޮޑުކުރާނެ ޓީމަކީ ސްޕެއިންގެ ބާސެލޯނާ ކަމަށް އިޓަލީގެ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޯން ބުނެފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްވެސް ހިމެނޭ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތަށް މިރޭ ފަށާއިރު، ބުފޮން ބުނީ ގަދަ އަށެއްގައި އެންމެ އުނދަގޫ ޓީމު ލައްވާލާފައި ވަނީ ޔުވެންޓަސްއަށް ކަމަށެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އެޓީމުން، ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސާއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ވެގެންދާނީ ޖަރުމަނުގެ ބާލިންގައި ކުޅުނު 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި މި ދެޓީމު ވާދަކުރިފަދަ ނޭވާ ހިފަހައްޓައިލާން ޖެހޭފަދަ ފޯރި ގަދަ މެޗަކަށެވެ. އެފަހަރު ޔުވެންޓަސްގެ މައްޗަށް ބާސާ ކުރި ހޯދީ 3-1 ލަނޑުންނެވެ.

ކޮޕާ ޑެލްރޭގައި އެތުލެޓިކް ކްލަބު ކޮޅަށް ލަނޑު ޖެހުމަށްފަހު މެސީ، ސުއަރޭޒް އަދި ނޭމާ އުފާފާޅުކުރަނީ --- ފޮޓޯ/ ރޮއިޓާސް
ބުފޮން ގަބޫލުކުރާ ގޮތުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި ޔުވެންޓަސް ވަނީ، ބާސާއާ ވާދަކުރެވޭފަދަ ކުރިއެރުންތަކެއް ހޯދައިފައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް އިމްތިހާނު ވަރަށް އުނދަގޫ ވާނެކަމަށް އޭނާ ގަބޫލުކުރެއެވެ.
"އަހަންނަށް އެނގޭ މި ދެމެޗުގައި އަހަރެމެން ވާދަކުރާން ޖެހޭނީ، މި މުބާރާތުގައި ކުރިމަތިލާން ޖެހޭ އެންމެ އުނދަގޫ ޓީމާކަން،" މެޗުގެ ކުރީން މީޑިއާއާ ވާހަކަދައްކަމުން ބުފޮން ބުންޏެވެ.
"މިއީ ޗެމްޕިއަންސް ލީގު. އެމީހުންނާ އަހަރެމެންނާ އަޅައިކިޔާލުމަކީ ހަމަ ރަނގަޅުކަމެއް.
"ބާލިންގައި ކުޅުނުފަދަ ފައިނަލެއް އަހަރެން އޭގެ ފަހުން ނުދެކެން. އެކަމަކު މި މެޗާ މެދު ޕޮޒިޓިވްކޮށް ވިސްނުމަށް ބާރުލިބޭ އެ ރޭގެ ވަރަށް ސާފު ހަނދާންތަކެއް އަހަރެންގެ އެބަހުރި.
"އެމީހުން އޭރު އަހަރެމެންނަށް ވުރެ މާބޮޑަށްވެސް ވަރުގަދަ. ޚާއްސަކޮށް އެމީހުން މެޗުގައި އެ ދެއްކި ކުޅުންގަނޑު. އޭގެ ފަހުން މިހާރު އަހަރެމެންގެ ވެސް މި ފެންވަރުގައި އިތުރު ދެ އަހަރުގެ ތަޖްރިބާ އެބަހުރި، މިފަދަ މެޗަކަށް ނަފްސާނީގޮތުން ވެސް ތައްޔާރުވުމަށް."

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުވުމާއެކު ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
ޔުވެންޓަސްގެ ގޯލްކީޕަރު ބުނީ، "ކަރުދާހުގައި އެމީހުން ކިތަންމެ މޮޅުކަމަށް އޮތަސް" މިހާރު ބާސާއާ ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ބާސާއަކީ، އެމީހުންގެ އަމިއްލަ ފަލްސަފާއަކާ އަމިއްލަ ސްޓައިލެއްގައި ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބެއް ކަމަށާއި، އެހެންކަމުން ނޮކްއައުޓް ސްޓޭޖްގައި ބަލިކުރާން އެންމެ އުނދަގޫވާނޭ އިދިކޮޅު ޓީމަކީ ބާސާކަމަށް ބުފޮން ބުންޏެވެ.
"ވޭތުވެދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު މި ދެކްލަބުގެ ދެމެދުގައި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރި، އަހަރެމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. އެހެން ނަމަވެސް މިހާރު އަހަރެމެން މިތިބީ އަނެއްކާވެސް އަހަރެމެންނަށް ހައްގު ހިސާބަށް ވާސިލްވެވިފައި. އަހަރެމެންގެ މާޒީ ބުނާގޮތުންވެސް އަހަރެމެންނަށް މިހާ ހިސާބަށް އާދެވުން ހައްގު،" ޔުވެންޓަސްއާ ގުޅޭގޮތުން ބުފޮން ބުންޏެވެ.

ބާސެލޯނާގެ އެޓޭކިން ޑިޕާޓްމަންޓްގައި ހިމެނޭ، ލުއިސް ސުއަރޭޒް، ނޭމާ އަދި މެސީ -- ފޮޓޯ: ގޯލް
ބުފޮން ވަނީ، ބާސާގެ ފޯވަޑްލައިން ބަލަހައްޓާ ތިން ކުޅުންތެރީންނަށްވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ލިއޮނަލް މެސީ، ނޭމާ އަދި ލުއިސް ސުއަރޭޒް ފަދަ މޮޅު ތިން ފޯވާޑުން ހިމެނޭ އެހެން ކްލަބެއް ނެތްކަންވެސް އޭނާ ފާހަގަކުރިއެވެ.
"ބާސާގެ އެހެން ކުޅުންތެރިންނަށް އިހްތިރާމް ކުޑަކުރަނީކީ ނޫން. އެކަމަކު މެސީ، ސުއަރޭޒް އަދި ނޭމާ ކުރިއަށް ކުޅޭއިރު އެމީހުންގެ އެޓޭކިންއާ މެދު ނުވިސްނާ ހުރުމަކީ އުނދަގޫކަމަކަށް ވާނެ،" ބުފޮން ބުންޏެވެ.
"އެ ތިން ކުޅުންތެރީންނަކީ، އަމިއްލަ އެދުމެއް ނެތި، އެކަކު އަނެކަކަށް ވަރަށް އެހީތެރިވެގެން ކާމިޔާބު ހޯދާ ތިން ކުޅުންތެރީން. އެހެންކަމުން އެމީހުންގެ އިދިކޮޅު ކުޅުންތެރީންނަށް އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވޭ."
ބުފޮން އިތުރަށް ބުނީ، މެސީ، ނޭމާ އަދި ސުއަރޭޒަކީ އެޓޭކިންގައި އެފަދަ ދެވަނައެއް ނެތް ފަދަ ހުނަރުވެރި ފޯވާޑުންތަކެއް ކަމަށާއި، އެ ތިންކުޅުންތެރީން ތިބި ޓީމެއްގެ ކޯޗަކުވެސް އުފަލުން އެމީހުން ކުޅުމުގެ ތެރެއަށް ދޫކޮށްލާނޭ ކަަމަށެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އެޓީމު ބާސާއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްސްގެ ފުރަތަމަ ލެގު މެޗު އޮންނާނީ، ރާއްޖޭ ގަޑިން މިރޭ 11:45ގައެވެ.